ކޭ-ޕާކް ފްލެޓުތައް ނުނިމި ހައްގުތައް ގެއްލޭތީ މަޖިލީހަށް ގަރާރެއް

ހުޅުމާލޭގައި މަތީ ފަންތީގެ ފްލެޓްތަކެއް އެޅުމަށް 2016ގައި ހަވާލު ކުރި ކޭ-ޕާކް ރެސިޑެންސްގެ ފްލެޓްތައް އަދިވެސް ނުނިމި، ދިގުލައިގެން ގޮސް، އެ ތަންތަން ގަތް ފަރާތްތަކުގެ ހައްގުތައް ގެއްލޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މިއަދުގެ މަޖިލިސް ޖަލްސާގައި މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް އެވެ.
ތަފްސީލު - އެ ފްލެޓްތައް ގަތުމަށް ބައެއް މީހުން ޑައުންޕޭމަންޓް އަދި ބައެއް މީހުން ޖުމްލަ އަގު ވެސް ދައްކާފައިވާއިރު، މަޝްރޫއޫ ނުނިމި ދިގުލައިގެންދާތީ އޭނާ ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އެގޮތުން އޭނާ ފާހަގަ ކުރެެއްވި ގޮތުގައި:
މި މަޝްރޫއޫގެ ބައެއް ފްލެޓްތަކުގެ ތެރެއިން އެއް ފްލެޓް، އެކަކަށް ވުރެ ގިނަ ފަރާތްތަކަށް ވެސް ވިއްކައި އެ މީހުންގެ އަތުން ފައިސާ ނަގާފައިވާކަން ވެސް މީގެ ކުރިން އޮތީ ހާމަވެފައި
ފްލެޓް ގަތް މީހުންނަށް ފްލެޓް ނުލިބި ލަސްވުމުގެ ސަބަބުން، މާލީ ގޮތުން ގެއްލުންވެ، އެ ފައިދާ އެ މަޝްރޫއުގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން އެހެން މަޝްރޫއޫއަކުން ފްލެޓެއް ގަތުމުގެ ފުރުސަތު ވެސް އެ މީހުންނަށް އޮތީ "ބަންދުވެފައިި"
އޭގެ އިތުރުން، މި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ތިބި މީހުންނަށް ސަރުކާރުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއޫތަކުގައި ވެސް ފްލެޓް ލިބުމަށް "ހުރަސް އެޅިފައިވާތީ" އެކަމާ ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވޭ
"ފްލެޓެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތުމަކީ، އެހެން ފްލެޓެއް ނުލިބޭނެ ސަބަބެއް ކަމަށް އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގަވާ ސޯޝަލް ހައުސިން މަޝްރޫއޫތަކުގެ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނާތީ، ދެންނެވުނު [ކޭ-ޕާކް] މަޝްރޫއިން ފްލެޓް ގަތުމަށް އެ ފަރާތްތަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ސަބަބަށްޓަކައި ސަރުކާރުން ހިންގަވާ ސޯޝަލް ހައުސިން މަޝްރޫއޫތަކަށް ފޯމު ހުށަހެޅުމަށް ހުރަސް އެޅިފައި،" ގަރާރުގައި އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ފާހަގަ ކުރެެއްވި ގޮތުގައި، މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ދައުލަތުގެ އެކި އިދާރާތަކަށް ފްލެޓް ގަތް މީހުން، "ސިޓީބީޓީ" ފޮނުވުމުން ވެސް އެއްވެސް އިދާރާއަކުން އެ މީހުންނަށް އަކަށީގެންވާ ޖަވާބެއްވެސް ދީފައެއް ނުވެ އެވެ.
"މިކަމަކީ ވަރަށް ގިނަ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ މުހިންމު ކަމެއް... ބޯހިޔާވަހިކަމުގެ ދަތިކަމަކީ، ޒުވާނުން މަސްތުވާތަކެތި ބޭނުން ކުރަން ފެށުމާއި ކުށުގެ މާހައުލަށް ލެނބިގެން ދިޔުމާ އަދި އެހެނިހެން އިޖުތިމާއީ އެތަކެއް މައްސަލަތަކެއްގެ އެންމެ ބޮޑު އަސްލު،" މިކަމުގައި ކަންބޮޑުވުން ފާޅު ކުރައްވަމުން އޭނާ ވިދާޅުވި އެވެ.
"މި މައްސަލަ ހައްލު ނުވެ އިތުރު ޒަމާންތަކެއް ފާއިތުވެގެން ހިނގައްޖެ ނަމަ، އެ އާއިލާތަކުގެ ދިިރިއުޅުމުގެ ހާލަތު އިތުރަށް ގޯސްވުމުގެ ނުރައްކާ އެބައޮތް."
އެހެންވެ ކުއްލި މައްސަލަ ހުށަހެޅުއްވީ، މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެލުމަށް ކަމަށް ގަރާރު ހުށަހަޅުއްވަމުން އޭނާ ވިދާޅުވި އެވެ.
ގުޅުން ހުރި - ކޭ-ޕާކް ފްލެޓްތައް ނިންމަން އެކި ފަހަރު މަތިން އެޗްޑީސީން އެ ކުންފުންނަށް ތާރީހުތަކެއް ދިނެވެ. ނަމަވެސް އަދިވެސް އެ މަޝްރޫއު ނުނިމި ދިގުލައިގެންދާތީވެ، ފްލެޓް ގަތް ފަރާތްތަކުން ތަކުރާރުކޮށް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެ ފެލްޓްތައް ވިއްކުމުގައި އެތައް ބަޔަކަށް އޮޅުވާލައި މަކަރު ހެދި މައްސަލައިގައި މި މަޝްރޫއުގެ ހަވާލު ކުރި ހަންބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް 100އަށް ވުރެ ގިނަ ދައުވާ އުފުލާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
50 ދައުވާ: ޓެކުމުގެ ކުށް
50 ދައުވާ: އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށް
3 ދައުވާ: މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށް
މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެއް
އޭގެ އިތުރުން، މި މައްސަލައިގައި އިތުރު 70އެއްހާ ދައުވާ މަމްދޫހުއާ ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އެ ކުންފުނީގެ މުވައްޒަފެއް ކަމައްވާ ޖައިޝާން ސައީދުގެ މައްޗަށް ވެސް ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ