ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ތިން ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
އޭގެ ތެރޭގައި ގާބިލުކަން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުންދިނުމުގެ ފަހުމުނާމާއަކާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ އާއި ސިންގަޕޫރުގެ މިނިސްޓްރީ އޮފް ސަސްޓެއިނަބިލިޓީ އެންޑް އެންވަޔަރަމަންޓާ ދެމެދު ސޮއިކުރި ފަހުމުނާމާއެއްގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ސިންގަޕޫރުގެ އިންސްޓިޓިއުޝަން އޮފް ޓެކްނިކަލް އެޑިއުކޭޝަނާ ދެމެދު ސޮއިކުރި ފަހުމުނާމާ ހިމެނެ އެވެ.
ސިންގަޕޫރުގެ ރައީސް ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްއާ ވެސް މިއަދު ރައީސް މުއިއްްޒު ބައްދަލުކުރެއްވި އެވެ. ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުންނާ ވެސް ރައީސް މަޝްވަރާ ކުރެއްވި އެވެ.
މި ދަތުރުގެ ތެރެއިން ސިންގަޕޫރުގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވާ ބިޒްނަސް ފޯރަމެއްގައި ވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ. އެ ގުޅުމަށް މި އަހަރު 50 އަހަރު ފުރޭނެ އެވެ.
ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ތިން ފަހުމުނާމާއެއްގައި ސޮއިކޮށްފި ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ތިން ފަހުމުނާމާއެއްގައި ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ