އެމެރިކާ ލީގު ދޫކޮށް ޖިރޫ އެނބުރި ޔޫރަޕަށް އެމެރިކާ ލީގު ދޫކޮށް ޖިރޫ އެނބުރި ޔޫރަޕަށް

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 28) - އެމެރިކާގެ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ ލޮސް އެންޖެލްސް އެފްސީ ދޫކޮށް، ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް، އޮލިވިއޭ ޖިރޫ، އެނބުރި ޔޫރަޕްގެ ކްލަބަކަށް ބަދަލުވާން ނިންމައިފި އެވެ.
އުމުރުން 38 އަހަރުގެ ޖިރޫ، އިޓަލީގެ އޭސީ މިލާނުގައި ތިން އަހަރު ހުރެފައި، މިދިޔަ އަހަރު އެލްއޭ އެފްސީ އަށް ބަދަލުވީ، އެއް އަހަރުގެ ކޮންޓްރެކްޓެއްގައި، އިތުރު އަހަރަކަށް އާ ކުރެވޭ ގޮތަށެވެ. އެކަމަކު، އެލްއޭ އެފްސީގައި ފުރަތަމަ އަހަރު ހޭދަކުރުމަށް ފަހު، ޖިރޫޑް ވަނީ އެ ޓީމު ދޫކޮށްލަން ނިންމައިފަ އެވެ.
އެލްއޭ އެފްސީގައި ޖިރޫޑަށް އެންމެ އެކަށީގެންވާ ވަރުގެ ކުޅުމެއް ދެއްކޭ ގޮތެއްނުވި އެވެ. އެ ޓީމަށް ކުޅެދިން 37 މެޗުން ޖިރޫ އަށް ޖެހިފައިވަނީ އެންމެ ފަސް ގޯލެވެ.
"އެލްއޭ އެފްސީއާ އެކު ތަށްޓެއް ހޯދުމަށް ފަހު، މި ފަހުން މި ނިމުނު، ފީފާ ކްލަބް ވޯލްޑް ކަޕްގައި ކުޅެލުމުގެ ފުރުސަތަކީ އަހަރެެން އަބަދުވެސް އުފަލާ އެކު، ފާހަގަކުރާނެ ކަންކަން،" ޖިރޫ ބުންޏެވެ.
ޖިރޫ ވިދާލީ، ފްރާންސްގެ މޮންޕެލިއޭގައި ހުއްޓައި، 2012 ވަނަ އަހަރު އާސެނަލަށް ގެންދިޔަ ހިސާބުންނެވެ. އޭގެ ފަހުން، 2018 އަހަރާ ހަަމައަށް އާސެނަލަށް ކުޅުމަށް ފަހު، ދެން ބަދަލުވީ ޗެލްސީ އަށެވެ. ޗެލްސީގައި ތިން އަހަރު ކުޅުނެވެ. ދެން، ބަދަލުވީ، 2021 ވަނަ އަހަރު މިލާނަށެވެ. މިދިޔަ އަހަރު މިލާން ދޫކޮށް، އެލްއޭ އެފްސީއާ ގުޅުނު ޖިރޫ އަންނަނީ ފްރާންސްގެ ލިލްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރަން މަޝްވަރާ ކުރަމުންނެވެ.
އިޓަލީ އާއި ސްޕެއިނުގެ ކްލަބްތަކުގެ އޮފާތަކެއް ވެސް ޖިރޫ އަށް ލިބިފައިވެ އެވެ.
މިދިޔަ އަހަރު ފްރާންސް ގައުމީ ޓީމުން ރިޓަޔާކުރި ޖިރޫ އަކީ އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ. ޖިރޫ، އެންމެ ފުރަތަމަ ފްރާންސަށް މެޗެއް ކުޅުނީ 2011 ވަނަ އަހަރު އެވެ. ފްރާންސަށް ކުޅެދިން 131 މެޗުން އޭނާ ވަނީ 57 ލަނޑު ޖަހައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ