ޕީޕީއެމްގެ ސަރުކާރުން ޔުމްނާ މައުމޫން އިސްތިއުފާ ދެއްވުމަކީ ވަރަށް ބޮޑު ކަމެއް – މަހްލޫފް

ޕީޕީއެމް ސަރުކާރުން ޔުމްނާ މައުމޫން އިސްތިއުފާ ދެއްވުމަކީ ވަރަށް ބޮޑު ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވީ އެޑިއުކޭޝަަން މިނިސްޓަރުގެ ނައިބު ކަމުގެ މަގާމުން ޔުމްނާ މައުމޫން އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލިސް ކައިރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
މަހްލޫފް ވިދާޅުވީ މަހާސިންތާ ގައި ރައީސް މައުމޫން ބައިވެރިވުން ނެތުމުން ޕީޕީއެމްގެ ތެރޭގައި ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފައި ކަމަށެވެ.
މިއަދު ގައުމު ވެއްޓިފައިވާ އަނދަވަޅުން ގައުމު ސަލާމަތް ކުރުމަށް ރައީސް މައުމޫން އަށް ވަރަށް ބޮޑު ދައުރެއް އަދާކުރެވިދާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.
"މިއަދު ގައުމު މިއޮތް ހާލަތަކީ ރައީސް މައުމޫން، ރައީސް ޔާމީން ދޫކޮށް ނިކުންނަންވީ ވަގުތު. އަޅުގަނޑު އެކަމަށް ގޮވާލަން." މަހްލޫފް ވިދާޅުވިއެވެ.
"މިއަދު ގައުމު މިއޮތް ހާލަތުގައި ރައީސް މައުމޫން، ރައީސް ނަޝީދު، ގާސިމް އިބްރާހިމް އަށް މަސައްކަތްތަކެއް ކުރެވޭނެ. ރައީސް ޔާމީން އާއި ވާހަކަދައްކައިގެން މައްސަލަތަކަށް ހައްލެއް ނުލިބޭނެ." މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ ގުޅުންހުރި ފަރާތްތައް މެދުވެރިކޮށް ރައީސް މައުމޫން އާއި މިވާހަކަތައް ހިއްސާ ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
ނައިބު ރައީސް އަކު އައްޔަން ކުރުމާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން މަހްލޫފް ވިދާޅުވީ ނައިބު ރައީސް އެއް އައްޔަން ނުކޮށް ރައީސް ޔާމިނަށް މަޑު ނުކުރެއްވޭނެ ކަމަށެވެ.
"މިއަދު ވެސް ރައީސް ޔާމީން ނައިބު ރައީސަކު އައްޔަން ނުކުރައްވާ ހުންނަވާ ހުންނެވުމަކީ ޕީޕީއެމް ލީޑަރުންނަށް ގޮންޖައްސަވާ ގޮންޖެއްސެވުމެއް" މަހްލޫފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ