ނިހާން ވަނީ ޕާޓީގެ އަސާސީ ޤަވާއިދާއި ހިލާފުވެފައި – މައުމޫން

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވަނީ ޕީޕީއެމްގެ އަސާސީ ޤަވާއިދާއި ހިލާފުވެފައި ކަމަށް އެޕާޓީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިހާރު އެމަނިކުފާނު ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ އެއްވެސް ގުނަވަނަކަށް ކުޑައިމީސް ބަހެއް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށާއި ޕާޓީގެ ހުރިހައި ގުނަވަންތަކަށް ވެސް އެމަނިކުފާނު އިޙްތިރާމް ކުރައްވާ ކަމަށެވެ.
"އެހެންނަމަވެސް ހިތާމަޔާއެކު ދަންނަވަން ޖެހެނީ ޙަޤީޤަތަކީ އަޅުގަނޑު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ލިޔުމުން ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަށް ދަންނަވާފައިވާ ގޮތާ ހިލާފަށް އޭނާ އަމަލު ކުރައްވާފައިވެއޭ" ރައީސް މައުމޫން ވިދާޅުވިއެވެ.
ޕީޕީއެމްގެ އަސާސީ ޤަވައިދާއި ހަވާލާދެއްވާ ރައީސް މައުމޫން ވިދާޅުވީ އަސާސީ ޤަވައިދުގައިވާ ގޮތުން ޕީޖީ ގްރޫޕްގެ ނިންމުންތައް ވާން ޖެހޭނީ ޕީޕީއެމްގެ މައިގަނޑު އުސޫލުތަކާއި ސިޔާސަތުތަކާއި އެއްގޮތް ނިންމުންތަކަކަށް ކަމަށެވެ.
"މިކަން މިހާ ސާފު އިބާރާތުން އަސާސީ ޤަވާއިދުގައި އޮތް އިރުވެސް ރައްޔިތުންގެ މަޖިލީހުގައި، މެޖޯރިޓީ ޕާޓީއެއްގެ ގޮތުގައި އޮވެމެ، ޕާޓީގެ އަސާސްތަކާ މަޤުޞަދުތަކާ ފުށުއަރާގޮތަށް ޕީޖީ ގްރޫޕުން އަމަލުކުރުމަށް ވިޕްލައިން ކަނޑައެޅިގެން އެބަދޭ. މިފަދަ ނިންމުންތަކަކީ ޞައްޙަ ނިންމުންތަކަކަށް ނުވާނެ" ރައީސް މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެފަދަ ކަންތައްތަކުން ގައުމަށް ގެއްލުންވަމުންދާ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ބިޑް ކުރުމެއްނެތި ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދެވޭ ގޮތައް ޤާނޫނު އިސްލާހް ކުރުމަކީ ޕީޕީއެމްގެ އަސާސީ ޤަވައިދާއި ހިލާފު ކަމެއް ކަމަށެވެ.
"ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަޅުގަނޑު ޓެކްސްޓް މެސެޖްތަކުން ދަންނަވާ ދެންނެވުންތަކަށް ވެސް އަމަލު ކުރައްވަމުން ނުގެންދަވާ" ރައީސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ