ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފި އެވެ.
ގާސިމާއެކު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަތީ ގާސިމްގެ ރަނިންމޭޓު ޑރ. ހަސަން ސައީދާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ އާއި މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ފަޔާޒާއި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދެވެ.
ފޯމް ހުށަހެޅުމަށްފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްއިން ވަކިވެވަޑައިގެންފައިވާ އިލްޔާސް އިބްރާހިމާއި ރޭ ބައްދަލުކުރެއްވިންތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ އިލްޔާސް އާއި ރޭ ބައްދަލުކުރެއްވާ ޖުމްހޫރީ ކޯލިޝަނަށް ތާއީދުކުރެއްވުމަށް އެދިވަޑައިގެންނެވި ކަމަށާއި ޖަވާބުގައި އިލްޔާސް ވެސް ނިންމަވާނީ ރަނގަޅަށް ކަމަށް ވިދާޅުވި ކަމަށެވެ.
"އަޅުގަނޑުމެންނަށް ތާއިދުކޮށްދެވުމަށް އަޅުގަނޑު އިލްޔާސް އިބްރާހިމަށް ދެންނެވުމުން، އެމަނިކުފާނު އަޅުގަނޑުމެންނަށް ޔަގީންކޮށްދެއްވި އެ މަނިކުފާނު ނިންމަވާނީ ރަނގަޅަށް ކަމަށް،" ގާސިމް ވިދާޅުވި އެވެ.
އަދި ޖުމްހޫރީ ގުޅުމަށް ތާއީދުކޮށްދިނުމަށް ރޭގެ ބައްދަލުވުމުގައި އިލްޔާސް އަރިހުން އެދިވަޑައިގެންނެވި ކަމަށް ގާސިމް ވިދާޅުވި ނަމަވެސް އިލްޔާސް ހުންނެވީ ޖުމްހޫރީ ގުޅުމަށް ތާއީދުކޮށްގެން ކަމެއް ގާސިމް ވިދާޅެއް ނުވެ އެވެ.
ނަމަވެސް ގާސިމް ވިދާޅުވީ އިލްޔާސް އެ ވިދާޅުވި "ރަނގަޅު ގޮތަކީ" އިންތިހާބުގައި އޭނާއަށް ތާއިދުކުރެއްވުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އުމަރާއިއެކު އެއްބަސްވުމަކަށް ނާދެވެނީ ހިޔާލު ތަފާތުވުން އުޅޭތީތޯ ނޫސްވެރިޔަކު ސުވާކުރުމުން ގާސިމް ވިދާޅުވީ ހިޔާލު ތަފާތުވުމެއް ނޫޅޭ ކަމަށެވެ. އުމަރު ވެސް ޖުމްހޫރީ ޕާޓީގެ ކޯލިޝަންގައި ބައިވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ގާސިމް ވިދާޅުވި އެވެ.
ޑރ.ހަސަން ސައީދު ވިދާޅުވީ ބޭރުގައި ވޯޓު ރަޖިސްޓްރީ ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެހެންކަމުން އެކަމަށް ހައްލެއް ހޯދާދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވާނެ ކަމަށެވެ. އަދި އެކަންތައް ހައްލު ކޮށްދޭނެ ކަމަށް ކޮމިޝަނުން ބުނެފައިވާ ކަމަށް ހަސަން ސައީދު ވިދާޅުވި އެވެ.
އިންތިހާބުގައި ވާދަކުރެއްވުމަށް ގާސިމް ފޯމް ހުށަހަޅުއްވާފައިވާއިރު މީގެކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ. ރައީސް ނަޝީދުގެ ކެންޑިޑެސީ ފޯމް ސައްހަ ކަމަށް އިލެކްޝަނުން ނިންމި ނަމަވެސް ރައީސް ވަހީދުގެ ކެންޑިޑެސީ ފޯމް ސައްހަތޯ ނިންމާނީ މިއަދުގެ ވަގުތެއްގައި އެވެ.
އިންތިހާބުގައި ވާދަކުރެއްވުމަށް ގާސިމް ފޯމް ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ