ހައި ކޯޓުގައި ނާޒިމްގެ މައްސަލަ ދެން ބަލާނީ ޝުޖާއު އުޘްމާނާއި އަބްދުﷲ ދީދީ ބާ ؟؟

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރެވުނު ޝަރީޢަތް ގިނަ ބަޔަކު ފާހަގަކޮށްފައިވަނީ ސަރުކާރުގެ އިސްބޭފުޅުން އަޑީގައި ތިބެގެން ކުޅުއްވި 'ޑްރާމާ' އެއް ގޮތުގައެވެ. އަނެއް ބަޔަކު އެ ޝަރީޢަތް ސިފަކޮށްފައިވަނީ ޝަރީޢަތް ފެށުމުގެ ކުރިން ޙުކުމް ލިޔެފައިވާ ޝަރީޢަތެއްގެ ގޮތުގައެވެ.
ކާނަލް ނާޒިމްގެ ޝަރީޢަތް ކުރިއަށް ގެންދިޔަ ގޮތަށް ދިވެހިރާއްޖޭގެ މަޝްހޫރު ޤާނޫނީ ވަކީލުންގެ އިތުރުން ބޭރުގެ ބޮޑެތި ޖަމިއްޔާތަކުން ވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ނާޒިމްގެ ފަރާތުން ކްރިމިނަލް ކޯޓުގައި މައްސަލަ ފެށުނީއްސުރެ ޙުކުމް ކުރުމާ ހަމައަށް ވެސް ބުނަމުން އައީ މިއީ ނާޒިމް ފްރޭމް ކޮށްލުމަށް ބަޔަކު ކުރިކަމެއްކަމަށާއި މިކަމުގެ އަޑީގައި ފުލުހުންނާއި ސަރުކާރުގެ އިސްވެރިން ތިއްބެވިކަމަށާއި އަދި އެކަން ސާބިތުކޮށްދިނުމަށް ހެކިން ހާޒިރު ކޮށްދިނުމަށް ވަނީ އެދިފައެވެ.އެހެން ނަމަވެސް ފަނޑިޔާރުން އެ ފުރުސަތު ދެއްވާފައެއް ނުވެއެވެ.
ހައި ކޯޓަށް ފަނޑިޔާރު ޝުޖާއު އުޘްމާން އާއި ޢަބްދުﷲ ދީދީ އައްޔަންކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވެމުން ދަނިކޮށް އެ 2 ބޭފުޅުން ހައި ކޯޓަށް އައްޔަންކޮށްފައިވަނީ ވެސް ކާނަލް ނާޒިމްގެ އިސްތިއުނާފް މައްސަލަ ކުރިއަށް ގެންދަނިކޮށެވެ. އަދި އެންމެ ފާހަގަކޮށްލެވޭ ކަމަކީ މި ދެބޭފުޅުން ހައިކޯޓްގެ ބެންޗަށް އައްޔަން ކުރެވުމާއި އެކު ކާނަލް ނާޒިމްގެ މައްސަލަ ވަނީ މަޑުޖެހިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކާނަލް ނާޒިމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލަ މިވަގުތު މަޑުޖައްސާލާފައި އޮތީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ބައެއް ބޭފުޅުން ހައިކޯޓުގެ ދެކުނު ގޮތްޕަށް ބަދަލު ކުރުމާއި ގުޅިގެން މައްސަލަ ބަލާ ބެންޗް އަލުން އެކުލަވާލުމަށްޓަކައެވެ.
'އައްޑޫލައިވް' އާއި ވާހަކަދެއްކި ގިނަ ޤާނޫނީ ވަކީލުން ފާހަގަކުރައްވާ ގޮތުގައި ހައިކޯޓުގެ ދެކުނު ގޮތްޕަށް ބަދަލުކޮށްފައިވާ 3 ފަނޑިޔާރުންނަކީ ހައިކޯޓުގައި މިވަގުތު ޢިލްމީ ގޮތުން ވެސް އެންމެ ފުންނާބު އުސް 2 ބޭފުޅުންނެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ނާޒިމްގެ ޝަރީޢަތާއި ކުރީގެ ރައީސް ނަޝީދުގެ ޝަރީޢަތް ވެސް ކުރިއަށް ގެންދިޔަ ބެންޗުގައި ހިމެނިވަޑައިގަންނަވާ މި ދެ ފަނޑިޔާރުން ހައިކޯޓަށް ހަމަޖައްސާފައިވަނީ އެމައްސަލަތައް ނިންމުމުން ދިން 'ޕްރޮމޯޝަނެއްގެ' ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.
މީގެ ކުރިން ޝުޖާއު އުޘްމާނުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގްކޮށްފައިވާއިރު ކްރިމިނަލް ކޯޓުގައި ނާޒިމްގެ ޝަރީޢަތް ކުރިއަށްދިޔަ އިރު ގިނަ ވަގުތު ނިދިކުރައްވާ ކަމަށް އަޑުއެހުންތަކަށް ވަން ބައެއް މީހުން ވަނީ ސޯޝަލް މީޑިޔާގައި ވެސް މީގެކުރިން ފާހަގަކޮށްފައެވެ. އަދި މިގޮތުން ސޯޝަލް މީޑިޔާގައި ފަނޑިޔާރުންގެ އަމަލްތަކާއި ބެހޭގޮތުން ލިޔުއްވަނީ ނޫސްކޮންފަރެންސްތަކުގައި ކާނަލް ނާޒިމްގެ ވަކީލުން ދައްކާ ވާހަކަތަކާއި ގުޅިގެން ކަމަށް ބުނެ ވަކީލުންނަށް ފަނޑިޔާރުން ވަނީ އިންޒާރު ވެސް ދެއްވާފައެއެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުގެ ތަކުން މީގެ ކުރިން ޢަމަލްކުރަމުން ދިޔަ އުސޫލްތަކަށް ގޮން ޖަހާލުމަށްފަހު ކާނަލް ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރުމަށްފަހު ޝުޖާޢު އުޘްމާން އާއި އަބްދުﷲ ދީދީ ހައިކޯޓަށް ޕްރޮމޯޓްވެވަޑައިގެން އަނެއްކާވެސް ކާނަލް ނާޒިމްގެ މައްސަލަ ބަލަން ތިބުމަކީ ނުވާނެ ކަމެއް ކަމުގައި ބުނެވޭކަށް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ