އަހުސަން ބަޝީރު މަރާލި ކަމަށް ޝަހުމްގެ މައްޗަށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފި

ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރު މަރާލުމުގެ ކުށް ނުރައްކާތެރި ކުށްވެރިޔާ ގ. ކޯޒީ އިބްރާހީމް ޝަހުމް އާދަމްގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އަހުސަން ބަޝީރު މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރީ ޝަހުމް އާއި މއ. ވީނަސްތަރި ހަސަން ޝިމާޒު މުހައްމަދުގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.
ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައި ނުވާ ކަމަށެވެ. އެ މައްސަލާގައި ދައުލަތުން ވަނީ ޝަހުމް އާއި ޝިމާޒްގެ މައްޗަށް ހެކިން ހުށަހަޅައިފަ އެވެ. ކްރިމިނަލް ކޯޓުގައި ސިއްރުން ދިން ހެކިބަހުގައި އެއް ފަރާތަކުން ބުނީ އަހުސަން އަށް ހަމަލާ ދިން މަންޒަރު ފެނުނު ކަމަށެވެ. ހެކިބަސް ދިން ދެވަނަ މީހާ ބުނީ އަހުސަން އަށް ހަމަލާ ދިން މަންޒަރު ފެނިފައި ނުވާ ކަމަށެވެ.
ނަމަވެސް ދެވަނަ ހެކިވެރިޔާ ބުނީ އަހުސަން "އަހަރެން މިއޮށް މަރުވަނީ އޭ" މިހެން ބުނި ކަމަށާއި އަދި ހަމަލާ ދިނީ ޝަހުމް ކަމަށް އަހުސަން ބުނެފައިވާ ކަމަށް ދެވަނަ އަށް ހެކި ހުށަހެޅި މީހާ ވަނީ ބުނެފަ އެވެ.
އެ މައްސަލާގައި ދައުލަތުން ހެކިންގެ ގޮތުގައި ދެން ހުށަހަޅާފައި ވަނީ ޑޮކްޓަރުގެ ރިޕޯޓްތަކެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ޑޮކްޓަރުގެ ރިޕޯޓްތަކުގައި އޭނާ އަށް އަނިޔާ ތަކެއް ލިބިފައި ހުރިކަން ސާބިތުވި ނަމަވެސް އެ އަނިޔާ ލިބިފައިވަނީ ޝަހުމް އާއި ޝިމާޒްގެ ފަރާތުން ކަމެއް އެނގެން ނެތް ކަމަށެވެ.
ކްރިމިނިލަ ކޯޓުގެ ގާޒީ މިއަދު ވަނީ އަހުސަންގެ މަރުގެ މައްސަލާގައި ފުލުހުންގެ މުއައްސަސާއިން އެމީހުންގެ ޑިއުޓީ އަށް އިހުމާލު ވެފައިވާ ކަމަށް ބުނެފަ އެވެ.
ޝަހުމް އަކީ މީގެ ކުރިން ވެސް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ މީހެކެވެ. ޝަހުމް އުމުރަށް ޖަލަށް ލާފައިވަނީ މާފަންނު ބިއުޓީފްލާވާ މުހައްމަދު ހުސައިނަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލުމާއި ގުޅިގެން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ