މިނިވަންކަން ހޯދުމަށްވުރެ، މިނިވަންކަން ދެމެހެއްޓުމަކީ މާ ބޮޑު ގޮންޖެހުމެއް: މައުމޫން

މިނިވަންކަން ހޯދުމަށްވުރެ، ލިބިފައިވާ މިނިވަންކަން ދިފާއުކޮށް ދެމެހެއްޓުމަކީ މާ ބޮޑު ގޮންޖެހުމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މިނިވަންކަމަށް 54 ވަނަ އަހަރު ފުރުމާ ގުޅިގެން ރައީސް މައުމޫން މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، މިނިވަންކަން ހޯދުމަކީ އެކަމެއްގައި އެތައް ބައެއްގެ ބޮޑެތި ގުރުބާނީތަކަކާއި އެތައްބައެއްގެ ހައްގުތަކެއް ޝާމިލްވާ ކަމެއް ކަމަށެވެ.
ތިރީސް އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން ވިދާޅުވި ގޮތުގައި މިނިވަންކަން ހޯދުމަށްވުރެ، އެ ލިބުނު މިނިވަންކަން ދިފާއުކޮށް ދެމެހެއްޓުމަކީ މާ ބޮޑު ގޮންޖެހުމެކެވެ. އެހެންނަމަވެސް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ދައުލަތާއި ރައްޔިތުންގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ މިހާރުގެ ކޯލިޝަން ސަރުކަރުން ދިވެހި ރާއްޖޭގެ މިނިވަންކަން ދަމަހައްޓައި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ފަސްނުޖެހި ކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ ހިތްތަކުގައިވާ ކަމަށެވެ.
''ހަގީގީ މިނިވަންކަމަކީ ސުލްހަމަސަލަސްކަމެވެ. ގައުމުގެ އިޖްތިމާއީ އަދި ފަރުދީ ހަމަޖެހުމެވެ. އަދުލު އިންސާފުގެ ކަށަވަރު ކަމެވެ. މުޖުތަމައުގެ ރައްކާތެރިކަމެވެ. ރައްޔިތުންގެ މާލީ ފޯރުންތެރިކަމެވެ. އެހެންކަމުން، ސިޔާސީ ހަލަބޮލިކަމަށްފަހު، ދިވެހި ގައުމާއި ބައްދަލުކުރި މި މިނިވަންދުވަހަކީ، ފުރިހަމަ މިނިވަން ކަމެއްގެ އާފެށުމެއް ކަމުގައި ހެދުމަކީ ގައުމުގެ ވެރިކަންކުރާ ފަރާތާއި ރައްޔިތުންގެ މައި މަގުސަދަށް ހެދުން ވަރަށް މުހިންމެވެ. ދިވެހިރާއްޖެ، މިނިވަންކަންމަތީ އަބަދުމެ ލައްވާށިއެވެ.'' މައުމޫންގެ ބަޔާނުގައި ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ