ހެނބަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާއި ގާތަށް

ނ. ހެނބަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ނިމުމަކާއި ގާތަށް ގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެ ގޮތުން އެމްޓީސީސީން ބުނީ މި މަޝްރޫއުގެ 93 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނީ ހެނބަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރާ މަސައްކަތަކީ ޕޭވްމަންޓް ސަރަހައްދުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން މި މަޝްރޫއުގެ ދަށުން މިހާތަނަށް ޕޭވްމަންޓް ސަރަހައްދުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާ ކަމަށާއި ރިވެޓްމަންޓު ޖެހުމުގެ މަސައްކަތުގެ 12 އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
ހެނބަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 44،615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 259 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި 173 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 203 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި އަަދި 25 މީޓަރުގެ ސަރަހައްްދެއްގައި ނިއު ގްރޯންސް އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސިން ބުނެއެވެ. މީގެ އިތުރުން 1,1015 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ޖަހައި ބަނދަރު ބައްތި އާއި ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އެމްޓީސީސިން ބުނެއެވެ.
ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ