ޝަހީބް ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި

ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ޝަހީބް އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
ކަންނެލި ދޯންޏެއްގައި މިދިޔަ މަހު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އިތުރ ބަޔަކާ އެކު ޝަހީބް ހައްޔަރުކޮށް، ބަންދުކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލައިފަ އެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ މަހު އަމުރުކުރީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށެވެ.
އެ މައްސަލަ ޝަހީބްގެ ފަރާތުން އިސްތިއުނާފް ކުރުމުން އަންނަ އާދިއްތަ ދުވަހު އެ މައްސަލާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބާއްވަން ތާވަލް ކޮށްފައިވެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
ޑިސެމްބަރު މަސް ފެށުމާ އެކު، ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓު މިހާރު އޮތީ ރިސެސްގަ އެވެ. ރިސެސް މުއްދަތުގައި އާންމު އުސޫލުން ޝަރީއަތްތައް ނުބޭއްވިޔަސް، ޖިނާއީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން ކޯޓު އަމުރުތަކުގެ މައްސަލަތައް އިސްތިއުނާފް ކުރާތާ ހަތް ދުވަސް ތެރޭގައި އެ މައްސަލައެއް ނިންމަން ޖެހޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ