ކުރީގެ ރައީސް މުހަންމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވައިގެން ވެރިކަމަށް ކުރިމަތިލައްވައިފި ނަމަ ދެން ހޮވި ވަޑައިނުގަންނަވާނެކަން ޔަގީންވާތީ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ.
ހދ. ނޭކުރެންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ނަޝީދު އިސްތިއުފާ ދެއްވީ ވެރިކަމުގައި ހުންނަވައިގެން އަލުން ރައީސް ކަމަށް ހޮވިވަޑައިނުގަންނަވާނެކަން ޔަގީންވާތީ ކޮންމެވެސް ބަހަނާއެއް ރައްޔިތުންނަށް ދެއްކުމަށް ފަހު ކަމަށެވެ. އަދި ދިވެހި ކާބަފައިން އެއްކުރިހާ ހަރުމުދާތައް ނަޝީދުގެ ވެރިކަމުގައި "ނުއަގުގައި ވިއްކާލާފައިވާ" ކަމަށް ވެސް ގާސިމް ރޭ ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި އަދި އަޅުގަނޑުމެންގެ މިނިވަންކަން ވެސް ނަގާލެވޭ ގޮތަށް ކަންތައް ކުރުމުގެ ބޭނުމުގައި މީނާ މި ކަންތައް ކޮށްފައި މިވަނީ. މި މަކަރުވެރި ހީލަތްތެރިކަމުގެ ތެރޭގައި މިކަން [ނަޝީދު އިސްތިއުފާ ދެއްވުން] ކޮށްފައިވާކަން އަޅުގަނޑުމެންނަށް އެބަ އިނގޭ. ބައްލަވާލައްވާ އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށާއި އަދި ކީރިތި ޤުރުއާނަށް އޭނާ މަލާމާތްކޮށް، ޖޯކު ޖަހާފައިވާ މިންވަރު. ކިތައް ފަހަރަށްތޯ؟ އަދި ދޮން މީހުން ބޯ އެއްޗެހި ބޯން ވާނެ ވާހަކަ އާއި ކާ އެއްޗެހި ކާންވާނެ ވާހަކަ އާއި މިއީ ދައްކާފައި ހުރި ވާހަކަ. ދެން މިއީ އިސްލާމް ގައުމެއްގެ ވެރިއަކަށް ހުންނަ މީހަކު މުސްލިމެއް ކަމުގައި ވާންޖެހޭނެ ކަމަށް ބުނެފައި އޮތް މީހަކު ކުރާނެ ކަމެއްތޯ އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ،" މާމިގިލީ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ޑޮލަރުގެ އަގު 10ރ. އަށް ދަށް ކުރާނެ ކަމަށް ވިދާޅުވެފައިވާއިރު އެންމެ ދަށްވެގެން 17ރ. އަށް ނޫނީ ޑޮލަރު ގަންނަން މިއަދު ނުލިބޭ ކަމަށެވެ. ގާސިމް ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ދަތުރުފަތުރުގެ ނިޒާމް ފެއްޓުމަށް ދައުލަތުން ފައިސާ އާއި އެހެނިހެން ތަކެތި ބަޔަކާ ހަވާލުކުރި ކަމަށާއި އެކަމަކު އެ ހިދުމަތެއް ރައްޔިތުންނަށް ނުލިބުނު ކަމަށެވެ.
"[އެމްޑީޕީ] މެނިފެސްޓޯގައި އޮތް އެއްވެސް ކަމެއް ނޯންނާނެ އިނގޭތޯ ކުރެވިފައެއް. އެހެންވީމާ މި ގައުމުގެ ހާލަތު އޮތް ދަށު ދަރަޖައިގެ މިންވަރަކީ ދެން އަންނަ މަހުގައި މުސާރަ ދެވޭނެ ލާރިއެއް ނެތް ދައުލަތުގައި. ކޮންމެ ރަށަކުން ވެސް ކައުންސިލުން ވެސް އަދި އަންހެނުން ކުރިއަރުވާ ކޮމިޓީން ވެސް މި ބުނަނީ އަންހެނުން ކުރިއަރުވާ ކޮމިޓީ އަށް އެއްވެސް ކަހަލަ އުޖޫރައެއް ވެސް ނެތޭ. ކައުންސިލުގެ ބޭފުޅުން މި ވިދާޅުވަނީ ތިމަންނާމެން ރަށުގެ ތަރައްގީ އަށް މަސައްކަތް ކޮށްލާނެ ބޮޑު ލާރިއެއް ވެސް ނެތޭ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނަޝީދު އިސްތިއުފާ ދެއްވީ ގައުމު އޮތީ ދަރާފައިކަން އެނގިވަޑައިގަންނަވާތީ ރޭވުމެއްގެ ތެރެއިން ކަމަށެވެ. ގާސިމް ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނުގެ ޕާޓީ އެމްޑީޕީގެ މީހުންނަށް 400 ފަޅު ރަށް ދިނުމަށް ނެޝަނަލް ޕްލޭނިން ކައުންސިލު މެދުވެރިކޮށް ނިންމި ކަމަށެވެ. އެކަމަކު ނަސީބަކުން އެ ހުރިހާ އެއްޗެއްގައި ސޮއި ކުރެވިފައި ނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނަޝީދުގެ ވެރިކަމުގައި ހިންގަވާފައިވާ ކަންކަމުގެ ވާހަކަ ދައްކަނީ ޒާތީ ގޮތުން ޖައްސާލައި އޮޅުވާލާކަށް ނޫނެވެ. އަދި ކަމުގެ ހަގީގަތް އޮޅުންފިލުވައި ދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގައުމުގައި ގެއްލިފައިވާ އިޖުތިމާއީ އަދާލަތު އޭނާގެ ވެރިކަމެއްގައި ގާއިމްކޮށް، ރާއްޖެ އަކީ އަމާން ތަނަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި ދޭތެރެ ޖައްސައި ފިތުނަ އުފައްދާ މީހުންނަށް އޭނާގެ ވެރިކަމެއްގައި ޖާގަ ނުދެއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ނަޝީދު އިސްތިއުފާ ދެއްވީ ވެރިކަމުގައި ހުންނަވައިގެން އަލުން ނުހޮވޭނެކަން ޔަގީންވާތީ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ