ވަކި ބަޔަކަށް ތާއީދުކުރަން ޖޭޕީގެ ސްޓޭންޑެއް ނެތް: ގާސިމް
ސިޔާސީ ގޮތުން ވަކި ބަޔަކަށް ތާއީދު ކުރުމަށް ޖުމްހޫރީ ޕާޓީން ވަކި ސްޓޭންޑެއް ނުގެންގުޅޭ ކަމަށާއި އެމްޑީޕީ/އަދާލަތު ޕާޓީން މިހާރު ސަރުކާރާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ޖުމްހޫރީ ޕާޓީގެ ބައެެއް މީހުން ބައިވެރިވަނީ އަމިއްލަ ގޮތުން ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ. އިދިކޮޅު ހަރަކާތްތަކުގައި ޖުމްހޫރީ ޕާޓީގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަމުން ދާއިރު، އެކަމާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަ ދައްކަވަމުން، ވީޓީގައި ގާސިމް ވިދާޅުވީ އެމްޑީޕީ/އަދާލަތުން ކުރާ ކަންކަމުގައި ޖުމްހޫރީ ޕާޓީގެ ރަސްމީ ހައިސިއްޔަތެއް ނެތް ކަމަށެވެ. "މި ކަހަލަ ކަންކަން ދިމާވީމާ މަޝްވަރާގެ މޭޒަށް ދާން އަޅުގަނޑު މިހުރީ ތައްޔާރަށް. އަޅުގަނޑުގެ ކުންފުންޏަށް ދިމާވި ކަމަކަށް ވިޔަސް އަދި އެހެން ކަމަކަށް ވިޔަސް ރައީސް އަރިހަށް ދާން އަދި އަދީބު [ޓޫރިޒަމް މިނިސްޓަރު] އަރިހަށް ދާން ވެސް. ތަކުރާރުކޮށް އެ ވާހަކަ މި ދަންނަވަނީ،" ގާސިމްގެ ވިލާ ކުންފުނިން ސަރުކާރަށް ދައްކަންޖެހޭ ކަމަށް ބުނާ 100 މިލިއަން ޑޮލަރާ ގުޅޭ މައުލޫމާތު ސާފުކޮށްދިނުމަށް ވީޓީވީގައި ވާހަކަ ދައްްކަވަމުން ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމްޑީޕީން މިހާރު ހިންގާ ކަންތައްތަކުގައި ޖުމްހޫރީ ޕާޓީ އޮތީ "ވަރަށް ސައިލެންޓްކޮށް" ކަމަށެވެ.ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ބައެއް ބޭފުޅުން އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާ ތަން "މަގުމަތިން ވެސް އެބަފެނޭ" ކަމަށާއި އެބޭފުޅުން އުޅުއްވަނީ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ. "އަޅުގަނޑަށް އެބޭފުޅުންނަށް އަނެއްހެން ކުރެވޭނެ ކަމެއް ނޯންނާނެ. ޕާޓީގެ ވަކި ސްޓޭންޑެއް ނޯންނާނެ މިހާރު ވަކި ބަޔަކަށް ތާއީދުކޮށް، ނުކުރާކަށް،" ގާސިމް ވިދާޅުވި އެވެ. އެހެން ނަމަވެސް އެމްޑީޕީ/އަދާލަތު ޕާޓީން ސަރުކާރާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި އާންމުކޮށް ބައިވެރިވެވަޑައިގަންނަވަނީ ޖުމްހޫރީ ޕާޓީގެ ދެ ނައިބު ލީޑަރުން ކަމަށް ވާ އަމީން އިބްރާހީމާއި ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އެއީ ގާސިމްގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. ގާސިމް މިއަދު ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ޖަލު ހުކުމެއްގައި ހުރި، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ގެންނަން މަސައްކަތް ނުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ