ޖާބިރު ހުށަހެޅި އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފި

ކުޑަކަމުދާތަކެތި ނުދިން މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެއް އަހަރަށް ޖަލަށްލުމަށް ދަށު ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް އޭނާގެ ފަރާތުން ހުށަހެޅި މައްސަލަ ހައި ކޯޓުން އިއްޔެ ބަލައިގެންފި އެވެ.
ޖާބިރު ޖަލަށް ލުމަށް މިދިޔަ މަހުގެ 20 ގައި ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ މައްސަލަ އިސްތިއުނާފް ކުރުން ލަސްވީ އެ މައްސަލަ ނިންމި ގޮތުގެ ޚުލާސާ ރިޕޯޓް ނުލިބުމުންނެވެ.
އިސްތިއުނާފުގެ މައްސަލަ ކޯޓުން ބަލައިގަތްކަން ޖާބިރުގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު ވެސް ވަނީ މިއަދު "ހަވީރަ"ށް ކަށަވަރުކޮށް ދެއްވައިފަ އެވެ.
"ކޯޓު ޝެޑިއުލް މިއަދު ލިބޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ" ދިޔާނާ ވިދާޅުވި އެވެ.
މި މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކާށިދޫ ދާއިރާ އަށް ވާދަކުރައްވާ ޖާބިރު ޖަލުގައި ހުންނެވުމުގެ ސަބަބުން ކެމްޕެއިން ކުރުމުގެ ހައްގު ގެއްލޭ ކަމަށް ބުނެ ކެމްޕެއިން ކުރެވޭ އިންތިޒާމް ހަމަޖައްސައިދޭން އެދި އޭނާގެ ފަރާތުން ވަނީ އެހެން މައްސަލައެއް ވެސް ހައި ކޯޓަށް ހުށަހަޅައިފަ އެވެ.
ޖާބިރަށް އެ ހުކުމް އައި ނަމަވެސް މަޖިލީހުގެ މެމްބަރުކަން ނުގެއްލެ އެވެ. ގާނޫނު އަސާސީގައި ވާ ގޮތުން މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނީ އެއް އަހަރަށް ވުރެ ދިގު މުއްދަތަށް ހުކުމެއް އައުމުންނެވެ.
ޖާބިރުގެ މައްޗަށް ހުކުމް އައީ 2012 ގައި ހޮނޑައިދޫގައި އިތުރު ބަޔަކާ އެކު މަސްތުވާތަކެތި ބޭނުން ކުރުމުގައި ތުހުމަތުގައި ހައްޔަރުކުރި މައްސަލައާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން ޖާބިރުގެ މައްޗަށް އިތުރު ދައުވާއެއް ވެސް އުފުލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ