ނަޝީދުއާ އިރުއިރުކޮޅާ ގާސިމް ބައްދަލުކުރެއްވުން ބަލައެއް ނުގަނެވޭ: މުހައްމާ
ކުރީގެ ރައީސް މުހަައްމަދު ނަޝީދުއާ "އިރުއިރުކޮޅާ" ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބައްދަލު ކުރެއްވުމަކީ ގަބޫލު ކުރެއްވޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެ ޕާޓީގެ ޓިކެޓްގައި އިހަވަންދޫ ދާއިރާ އަށް ހޮވިވަޑައިގެންނެވި މުހައްމަދު އަބްދުﷲ (މުހައްމާ ކަލޯ) ގާސިމަށް މިރޭ ފާޑު ވިދާޅުވެއްޖެ އެވެ. "ހަވީރާ" ވާހަކަ ދައްކަވަމުން ފިލްމީ ތަރި މުހައްމާ ވިދާޅުވީ ދޭތެރެދޭތެރެއިން ނަޝީދުއާ ގާސިމް ބައްދަލު ކުރެއްވުމަކީ، ސަރުކާރު ހިންގާ ކޯލިޝަނަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ. އަދި އެކަން ބަލައި ނުގަނެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. "މި ކޯލިޝަން ރޫޅޭ ގޮތަށް ގާސިމް އަމަލު ކުރެއްވުމަކީ ރަނގަޅު ގޮތެއް ނޫން. ކޯލިޝަން ރޫޅެން މެދުވެރިވާ އެއްވެސް ކަމެއް އެއްވެސް ބޭފުޅަކު ކުރެއްވުމަށް އަޅުގަނޑު ނޭދެން. ގާސިމް ވެސް މީގެ ކުރިން ވިދާޅުވަމުން ގެންދެވީ ނަޝީދަކީ ގައުމު ވިއްކައި އަދި ހައްގުތަކަށް އަރައިގެންފައިވާ ބޭފުޅެކޭ. އެހެންވީމާ އެފަދަ ބޭފުޅަކާ އިރުއިރުކޮޅަކާ [ގާސިމް] ބައްދަލު ކުރެއްވުމަކީ ކޯލިޝަނަށްް އަސަރު ކުރާނެ ކަމެއް،" މުހައްމާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކަމަކާ މެދު ހިތްހަމަޖެހިވަޑައި ނުގަންނަވާ ނަމަ ފުރަތަމަ މަޝްވަރާ ކުރައްވަން ޖެހޭނީ ކޯލިޝަންގެ ބައިވެރިންގެ މެދުގަ އެވެ. އަދި މިހާ ހިސާބަށް ވެސް ކޯލިޝަންގެ ތެރޭގައި ކަމެއް ގޯސްކޮށް ދާ ނަމަ، އެކަން އެހެން ވަނީ އެކަށީގެންވާ ގޮތަކަށް މަޝްވަރާ ނުކުރެެވޭތީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މުހައްމާ ވިދާޅުވި އެވެ. ނަޝީދުއާ ގާސިމްއާ ދެ ބޭފުޅުން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި އެ ދެބޭފުޅުން މަޝްވަރާ ކުރެއްވީ، މި މަހުގެ 28 ގައި ހުވާކުރާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާސިމް ކުރިމަތިލެެއްވުމާ ގުޅޭ ގޮތުން ނޫންތޯ ދެންނެވުމުން މުހައްމާ ވިދާޅުވީ އެ މަޝްވަރާ ވެސް ފުރަތަމަ ކުރަން ޖެހޭނީ ކޯލިޝަންގެ ތެރޭގައި ކަމަށެވެ. "އެކަށީގެންވާ ގޮތަކަށް، ރަނގަޅު މާހައުލެއްގައި މަޝްވަރާ ކުރިއަށް ގެންދަވާ ނަމަ މި ކަމުގައި [މަޖިލީހުގެ ރައީސްގެ އިންތިޚާބު] ވެސް ގާސިމަށް ކާމިޔާބު ވާނެ ކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑު އަދިވެސް މި ހުރީ ޖުމްހޫރީ ޕާޓީއާ އެކު. އެކަމަކު ނަޝީދުއާ ދޭތެރެދޭތެރެ އިން ގާސިމް ބައްދަލު ކުރެެއްވުން އެއީ އެހާ ރަނގަޅު ކަމެއް ނޫން،" މުހައްމާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ