ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގާނޫނާ ހިލާފަށް ބަންދުކުރި މައްސަލައިގައި ދައުވާލިބޭ ހުރިހާ ބޭފުޅުންގެ ޝަރީއަތްތައް ވެސް ތާވަލްކޮށްފި އެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި ދައުވާކުރަން ހުޅުމާލޭ ކޯޓަށް ހުށަހަޅާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭގެފާނުގެ އިތުރުން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް (ރިޓަޔާޑް) މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމް މުހައްމަދު ދީދީ އަދި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ. އެ ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ދައުލަތުން ކުރަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ކުށް ނުކުރާ މީހަކު ގާނޫނާ ހިލާފަށް ގަސްދުގައި ހިފާ ހައްޔަރުކުރުމުގެ ކުށުގެ ދައުވާ އެވެ.
ނަޝީދުގެ ޝަރީއަތް މިދިޔަ އަންގާރަ ދުވަހު ހުޅުމާލޭ ކޯޓުން ވަނީ ފަށައިފަ އެވެ. ތޮލްހަތާއި ޒިޔާދުގެ މައްސަލަ ވެސް ބޭއްވުމަށް މީގެ ކުރިން ތާވަލްކުރި އެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު އެދުވަހު އާލާސްކަންފުޅާ އުޅުއްވާތީ އެ ދުވަހުގެ އަޑުއެހުން ކެންސަލްކުރީ އެވެ.
ރައީސް ނަޝީދުގެ ޝަރީއަތް އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރު 00: 4 ގައި ބާއްވަން ތާވަލްކޮށްފައިވާއިރު ޖެހިގެން އަންނަ ފަސް ވަނަ ދުވަހުގެ 00: 4 ގައި ތޮލްހަތުގެ ޝަރީއަތް ބާއްވަން ތާވަލްކޮށްފައި ވެއެވެ. އަދި ހަމަ އެދުވަހުގެ 00: 5 ގައި އިބްރާހިމް ދީދީގެ ޝަރީއަތް ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ.
ކާނަލް ޒިޔާދުގެ ޝަރީއަތް އަންނަ މަހުގެ ހަ ވަނަ ދުވަހުގެ 00: 4 ގައި ބާއްވަން ތާވަލްކޮށްފައިވާއިރު އެދުވަހުގެ 00: 5 ގައި މޫސާ އަލީ ޖަލީލުގެ ޝަރީއަތް ބާއްވަން ތާވަލްކޮށްފައި ވެއެވެ.
ފަސް ބޭފުޅުންގެ މައްސަލަ ވެސް ބައްލަވަނީ ތިން ފަނޑިޔާރުންގެ މަޖިލީހަކުން ނެވެ.
އެ މައްސަލައިގައި ދައުވާލިބޭތީ އެ ހުރިހާ ބޭފުޅުން ވެސް ކޯޓުގެ ހުއްދަނެތި މާލެއިން ބޭރަށް ނުދާން ހުޅުމާލޭ ކޯޓުން ވަނީ އެ ބޭފުޅުންނަށް އަންގާފަ އެވެ. ނަމަވެސް އެ އެންގުމާ ޚިލާފަށް ނަޝީދު ދެކުނުގެ އަތޮޅުތަކަށް ވަޑައިގެންނެވި އެވެ. އަދި އެ މަނިކުފާނު ޝަރީއަތަށް ހާޒިރުކުރީ ފުލުހުން ގދ. ފަރެސްމާތޮޑާ އަށް ގޮސް އެ މަނިކުފާނު ހައްޔަރުކޮށްގެން ގެނެސް ދޫނިދޫގައި އެއް ރޭ ބަންދުކޮށްފައި ބެހެއްޓުމަށް ފަހު އެވެ.
ފުރަތަމަ އަޑުއެހުމަށް ފަހު ނަޝީދު މިހާރު ވަނީ އެމްޑީޕީގެ ވައުދުގެ ދަތުރާ އަލުން ގުޅިވަޑައިގެން ދެކުނަށް ވަޑައިގެންފަ އެވެ. ކޯޓުގެ ހުއްދަ ހޯއްދެވި ކަމެއް އެނގިފައެއް ނުވެ އެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ދައުވާ ލިބޭ ހުރިހާ ބޭފުޅުންގެ ޝަރީއަތްތައް ތާވަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ