އެއްބޭފުޅަކަށްފަހު އަނެއް ބޭފުޅަކަށް ވެރިކަން ނަގުލުވަމުން ދިޔަދިއުން ރާއްޖޭގެ ތާރީހުން މުޅިން ފުހެވިގެންދިޔައީ 1953ގަ އެވެ. ފުރަތަމަ ޖުމުހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އިސްވެ ހުންނަވައިގެން ތައާރަފްކުރި ފުރަތަމަ ޖުމުހޫރިއްޔަތާއެކުގަ އެވެ. އޭގެފަހުން ރާއްޖޭގެ ވެރިކަން ހަތްބޭފުޅަކު ކުރައްވާފައިވާއިރު އަންނަ އަހަރު އަނެއްކާ ވެސް ރައީސް ކަމަށް މީހަކު ހޮވަން އިންތިޚާބު އޮންނާނެ އެވެ. މިހާރުގެ ރައީސް އަބުދުﷲ ޔާމީނާ ވާދަކުރައްވާނީ ކޮން ބޭފުޅެއްތޯ ކުރެވޭ ސުވާލަކީ ސިޔާސީ މަސްރަހުގައި އެންމެ ހާއްސަ ސުވާލެވެ.
ރިއާސީ ރޭހަށް ނުކުންނަވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވެ އެވެ. ޖުމުހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމް ވެސް ހުންނެވީ އެއުއްމީދުގަ އެވެ. ފުރުސަތު ލިބިއްޖެނަމަ ޑރ.ޖަމީލާއި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ނުވަތަ އެމަނިކުފާނު ކެނޑިޑޭޓަކު ނެރުއްވާނެ އެވެ. ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު މިހާރު ވެސް ހުންނެވީ ކެނޑިޑެސީ އިއުލާނުކޮށްގެންނެވެ.
މުހައްމަދު ނަޝީދު
އެމްޑީޕީން ރިއާސީ ރޭހަށް ނުކުންނާނީ ރައީސް ނަޝީދާއެކުގަ އެވެ. އެއްވަނަ ދެ ވަނަ އަދި ތިން ވަނަ ހޮވުމަކީ ވެސް ނަޝީދެވެ. އެކަމަކު ނަޝީދު ހުންނެވީ ޖަލުހުމުމެއްގެ ރަނގަޅަށް ބަނދެވިފައިކަމުން އޭނާއަށް ފުރުސަތު ލިބުން ވަރަށް ދުރެވެ. މިހާރު ނަޝީދު ބޭރުގައި ފިއްލަވައިގެން ހުންނަވައި ކުރައްވާހާ ވެސް މަސައްކަތަކީ ބޭރުގެ ފަރާތްތަކުގެ ނުފޫޒުގައި ވެރިކަން ހޯދުމެވެ. ނަޝީދަށް ކުރިމަތިނުލެވޭނަމަ އެމްޑީޕީން ނިންމާފައިވަނީ ނަޝީދު ރުހޭ ބޭފުޅަކަށް ތާއީދު ކުރުމަށެވެ. މިހެންވެ ރީނދޫ ކުލައިގެ ތެރެއިން ރައީސްކަމުގެ ހުވަފެން ދެމުން އަންނަ އަބުދުﷲ ޝާހިދު ފަދަ ތަޖުރިބާކާރުން ކައުންސިލް އިންތިހާބުގެ ކެމްޕޭންގެ ނަމުގައި މުޅިރާއްޖޭގައި ކިތަންމެވަރަކަށް ގޭގެއަށް ހިންގެވިޔަސް ރިއާސީ ރޭހުން ފުރުސަތު ބަންދުވާނެ އެވެ.
އުމަރު ނަސީރު
ރިއާސީ އިންތިހާބަށް ނުކުންނެވުމަށް ކެމްޕޭން ފައްޓަވާފައިވާ ބޭފުޅަކީ ކުރީގެ ހޯމް މިނިސްޓަރ އުމަރެވެ. އޭނާގެ ހުރިހާ އުއްމީދެއް ގުޅިފައިވަނީ ރައީސް މައުމޫނާއި ގާސިމް އިބްރާހީމާ އެވެ. ޕީޕީއެމުން ފުރުސަތު ނުލިބިދާނެތީވެ ގާސިމްގެ ޖުމުހޫރީ އޮޑީގައި ރައީސް މައުމޫން ލައްވައި ފަލި ޖައްސަވައިގެން ރިއާސީ ރޭހުގައި ދުއްވުމަކީ އުމަރުގެ އެންމެ ބޮޑު އުއްމީދެވެ. މިދަތުރުގައި މައުމޫންގެ މަދަދާއި ތާއީދު އެންމެ މަތީ މިންވަރަށް ހޯއްދެވުމަށް މައުމޫން ދަރިކަލުން ފާރިސް މައުމޫނަށް ނައިބްކަން ދޭން ވެސް އުމަރު ވަނީ ރާވާފަ އެވެ. އެކަމަކު 2008ގައި ވާދަކޮށް ރިއާސީ ރޭހުގެ ފުލަށްދިޔަ އުމަރު އެއަށްވުރެ ކުރިން މިފަހަރު ފޭލްވުމަކީ ވަރަށް ގާތްކަމެކެވެ. އޭނާ ފޭލްކޮށްލާނީ ވެސް ގާސިމާއި މައުމޫނެވެ. ނުވިތާކަށް އުމަރު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދިޔަ މިނިވަން50ގައި ދިއްކާލިހާ ބޮކިތަކުގައި ކޮރަޕްޝަން އޮތްކަން އިސާހިތަކު ފާޅުވެދާނެތީވެ ހައްލަކީ އުމަރުނޫންކަމަށް ގިނަބަޔަކު ގަބޫލުކުރެ އެވެ.
ގާސިމް އިބްރާހީމް
ގާސިމަކީ ކުރީ ދެ އިންތިހާބުގައި ވެސް ވާދަކޮަށް ތިނަކާއި ހަތަރެއްގައި އުޅުއްވި މަޝްހޫރު މަހުޖަނެވެ. އެކަމަކު ފައިސާ އޮތުމުން ތިމާ ބޭނުންހާ ކަމެއް ކުރެވިދާނެ ކަމަށް އޭނާގެ އަރިހު ބޭކަލުން ލަފާދެއްވާތީ އާއި ކުޑަހިނދުކޮޅަކަށް ނަމަވެސް ނަމުގެ ކުރިއަށް ރައީސުލަޖުމުހޫރިއްޔާގެ ލަގަބު އައުމަށް އެދޭލެއް ބޮޑުކަމުން މަޑުން ނުހުންނެވެނީއެވެ. ނަމަވެސް ގާސިމަކީ ކުރިއާ ހިލާފަށް މިހާރު ޗޮއިސްއެއްނޫނެވެ. އެއަށްވުރެ ބޮޑަށް ރިޝްވަތާއި ފަސާދައިގެ ތުހުމަތުތަކުގައި އޭނާ ވަނީ ބެދިފަ އެވެ. އަމުދުން ރާއްޖޭގެ ގާނޫނު އަސާސީ އޮތްގޮތުން ވެރިކަމަށް ކުރިމައްޗެއްވެސް ނުލެވޭނެއެވެ. އެންމެ ފަހުވަގުތު ގާނޫނު އަސާސީ ބަދަލުކޮށްގެން ރިއާސީ ރޭހުން ފުރުސަތު ލިބުނަސް ގާސިމަކީ ރައީސްކަން ކުރެއްވޭހާ އިލްމާއި ތަޖުރިބާ އަދި ހިތްވަރާއި ސާބިތުކަންހުރި ބޭފުޅެއްނޫނެވެ. ނަޝީދު ހެދިހެން ދައުރުގެ މެދުތެރެއިން އިސްތިއުފާ ނުދެއްވާނެއޭ ވެސް ދަންނަވާކަށް ނުކެރޭނެ އެވެ.
ފާރިސް އާއި ރައީސް މައުމޫން
ރިއާސީ އީކުއޭޝަނުގައި އަދިވެސް އެންމެ ތަނަވަސް އެއް ސިކުނޑިއަކީ 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫނެވެ. ގާނޫނު އޮތްގޮތުން ވެރިކަމަށް އައުމުގެ ފުރުސަތު ބަންދުވެފައިވުމުންނާއި އުމުރުން މިހާރު 80 އަށްވުރެ މަތިވެފައިވުމުން މައުމޫން ހުރިހާ އުއްމީދަކީ ދޮށީ ދަރިކަލުން ފާރިސް މައުމޫނެވެ. 30 އަހަރުގެ ދިގު ވެރިކަމުގައި ގާއިމްކުރި ސަރަހައްދީ އެކުވެރި ގުޅުންތައް ވެސް ބޭނުންކުރައްވައިގެން އިންޑިޔާގައި ހުންނަވައި މައުމޫން ކެޑިނޭޅިއެކުރައްވަނީ ފާރިސް އަށް ރައީސްކަން ހޯދައިދިނުމުގެ މަސައްކަތެވެ.
ނަޝީދު ހުންނެވީ ކަސްތޮޅު އެޅުވިފައިކަން މައުމޫނަށް އެނގިވަޑައިގަންނަވަ އެވެ. ވެރިކަމަށް އައުމަށް ގާސިމް ބޮޑާހާކާނެތީވެ އޭނާ ލައްވައި ގޯސްހެއްދެވުމަށް މައުމޫން ވަޑައިގެންނެވީ ގާސިމްގެ އަރިހަށެވެ. ނުހަނު މަޑުމަޑުން ހުންނަވަނިކޮށް، ކުނޫޒަށް ވަޑައިގެން، ގާސިމް ގިނިކަންޏާ ސަރުކާރާ ދެކޮޅަށް ނެރުއްވާފައި މައުމޫން ފިއްލެވީ އެވެ. ކާނަލް ނާޒިމް ވެސް ހުންނެވީ ޖަލުގަ އެވެ. ރިއާސީ ރޭހަށް ނުކުތުމަށް ދެން މަސައްކަތް ކުރައްވަނީ އުމަރު ނަސީރެވެ. އެއަށްފަހު ޖަމީލާއި ކާނަލް ނާޒިމެވެ. ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު މިހުރިހާ ބޭފުޅުން ކަތިލެއްވިއިރު މައުމޫން މަޑުމަޑުން ހުންނެވީ ވެސް އަމިއްލަ އެދުމާއިގެންނެވެ.
އަނެއްކޮޅުން ނަޝީދު ފިޔަވައި ދެން ތިއްބެވީ އަމިއްލަ މަސައްކަތުން ވެރިކަން ހޯދައިގަނެވޭނެ ބައެއްނޫން ކަން މައުމޫން ދެނެވަޑައިގަންނަވަ އެވެ. މިހެންވެ އެމްޕީޑީއާ އެއްސަފެއްގައި ނުކުންނަވައިގެން މައުމޫން މިހާރު ކުރައްވާހާ މަސައްކަތަކީ ފާރިސް އަށް ރައީސް ނަޝީދުގެ ރުހުން ހޯދުމުގެ މަސައްކަތެވެ. ކޮންމެ ރެއަަކު ކުނޫޒްގައި ޖަލްސާ ބާއްވާފައި އޭގެފަހުން ހަރުގޭގައި އެމްޑީޕީގެ ބޭފުޅުންނާއެކު ބޮނޑިބަތަށް އިންސާފުކުރައްވަމުން ފާރިސް އެކުރައްވަނީ ސިޔާސީ މައިދާނަށް ފަރިތަވެލުމުގެ މަސައްކަތެވެ. ހަގީގަތުގައި މައުމޫންގެ ކޮއްކޯފުޅު އަދި ރައީސް ޔާމީނާ ވާދަކުރައްވަން ގުޅިފައިވާ އިއްތިހާދުން ނެރޭ ކެނޑިޑޭޓަކީ ފާރިސް ކަމަށް ވެއްޖެނަމަ އެއީ 2008ގެ ފަހުން މައުމޫނަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ.
އެމްޑީޕީގެ ބޭބޭފުޅުން ނިކަން ވިސްނަވާ ބައްލަވާށެވެ. މިއީ ރައީސް މައުމޫނާއި ރައީސް ޔާމީންގެ ދުރު ވިސްނެވުމަކަށް ވުމަކީ ވެސް ވަރަށް އެކަށީގެންވާ ކަމެކެވެ. އިދިކޮޅު ކެނޑިޑޭޓަކީ ފާރިސް ކަމަށްވެއްޖެނަމަ ކައިރި މުސްތަގްބަލެއްގައި މައުމޫންގެ އާއިލާގެ އަތުގައި އަނެއް 30 އަހަރު ވެރިކަން އޮވެދާނެ އެވެ. އެއިރުން މައުމޫން ވެސް ބޭނުންފުޅުވާނީ 2018 ރައީސް ޔާމީން ކާމިޔާބު ކުރައްވާށެވެ. އަދި ރައީސް ޔާމީންގެ ދެ ދައުރު ނިމި 2023 އަށް ފާރިސް ހުންނާނީ ފަރިވެފޮޅި މުޅިން ފައްކާވެފަ އެވެ.
2018 ގައި ވާދަކުރާނީ ކޮންބޭފުޅެއް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ