މިއަދު އިރުއޮއްސުމުގެ ކުރިން ތ. ވޭމަންޑޫއަށް ކަރަންޓު ފޯރުކޮށްދޭނަން: ފެނަކަ

މިއަދު އިރުއޮއްސުމުގެ ކުރިން ތ. ވޭމަންޑޫއަށް ކަރަންޓު ފޯރުކޮށްދޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތ. ވޭމަންޑޫގެ ކަރަންޓް ޚިދުމަތް ރަނގަޅު ކުރުމަށް 400 މެގަ ވޯޓުގެ ޖަނަރޭޓަރެއް ލޯޑުކޮށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެރަށުން ކަރަންޓު ކެނޑެން ދިމާވީ ބޭނުން ކުރަމުން ދިޔަ ތިން ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރަށް މައްސަލަ ދިމާވެ އެއަށް ބޭނުންވާ ސުޕެއަރ ޕާރޓްސް ތަށް ގެނައުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށާއި އަދި އެވަގުތު ބޭނުން ކުރަމުން ދިޔަ 323 ކިލޯގެ ޖަނަރޭޓަރަށް މައްސަލަ ދިމާވެ މިދިޔަ ހުކުރު ދުވަހުގެ ރޭ އެރަށުން ކަރަންޓް ކެނޑިފައިވާ ކަމަށް ވަނީ އެ ބަޔާނުގައި ބުނެފައެވެ.
އިންޖިނިއަރުންގެ އެހީތެރިކަމާއެކު ޖެނެރޭޓަރަށް ދިމާވި މައްސަލަ ހައްލު ކުރިނަމަވެސް އެ ޖަނަރޭޓަރުގެ ވޭލް ބިންދައިގެން ދިއުމުން އެ ޖަނަރޭޓަރު އަލުން މަރާމާތުކޮށް ޓެސްޓް ކުރެވެމުންދާ ކަމަށްވެސް ނޫސް ބަޔާނުގައި ވެއެވެ.
މިއަދުނޫހަށް މަޢުލޫމާތު ދެއްވަމުން ތ. އަތޮޅު ކައުންސިލުގެ ރައީސް ޢަބްﷲ ޝަރީފް ޢަބްދުލްފައްތާޙު ކުރިން ވިދާޅުވެފައިވަނީ އެރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައިގާ ފެނަކަ ކޯޕަރޭޝަންގެ އިސްފަރާތްތަކާއި މަޝްވަރާކޮށްފައިވާ ކަމަށާއި ކަރަންޓުގެ މައްސަލައަށް އަވަސް ހައްލެއް އަންނާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ކޮންމެ ދުވަހަކުވެސް ހަތަރުވަރަކަށް ފަހަރު ކަރަންޓު ކެނޑޭ ކަމަށާއި އެކަމުގެ ސަބަބުން އަތޮޅުގެ ރަށްތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޚާއްޞަކޮށް ބޭންކުގެ ޚިދުމަތް ހޯދަން އެހެން ރަށްތަކުން އަންނަ ފަރާތްތަކަށް ވަރަށް ދަތިތަކާއި ކުރިމަތިވާ ކަމަށާއި ޢާންމުގޮތެއްގައި ކަރަންޓު ކެނޑެނީ ފެރީގެ ޚިދުމަތް އޮންނަ ގަޑީގައި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭނާ އިތުރަށް ވިދާޅުވީ ހޮސްޕިޓަލުން ދެމުންއަންނަ ސިއްޙީ ޚިދުމަތަށް އެއްވެސް ބުރޫއެއް ނާރާ ދެމުން އަންނަ ކަމަށާއި އެއީ ހޮސްޕިޓަލުގައި ބެކްއަޕް ޖެނެރޭޓަރެއް ހުންނާތީ ކަމަށެވެ. ނަމަވެސް މިއީ ހަމައެކަނި ހޮސްޕިޓަލުގެ ކަންތައްތައް ކޮށްލެވޭވަރުގެ ޖެނެރޭޓަރަކަށްވާތީ، އިތުރު އެއްވެސް ތަނަކަށް އެ ޖެނެރޭޓަރުން ކަރަންޓު ފޯރުކޮށްނުދެވޭ ކަމަށެވެ.
އާބާދީގައި 1300 މީހުން ދިރިއުޅޭ ވޭމަންޑުއަކީ އެ އަތޮޅުގައި ވެރިކަންކުރާ ރަށަށްވާ އިރު، ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު އަންނަނީ ތަފާތު ޚިދުމަތް ހޯދުމަށް އެރަށަށް އަންނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ