ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރުމަށްޓަކައި، އިންތިހާބުގެ ފުރަތަމަ ބުރުގައި ހަނި ގޮތަކަށް ނާކާމިޔާބުވެވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް މަދަދުވެރިވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކުޅިވަރު ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވި ގޮތުގައި މި މަހު 28 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އެމްޑީޕީ އަށް ވަރަށް ރަނގަޅު ނަތީޖާއަކުން ކާމިޔާބުކުރެވޭނެ ކަމަށާއި ގާސިމަކީ އެ ކާމިޔާބުގެ ސަބަބަކަށް ވާނެ ކަމަށެވެ.
"ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަޅުގަނޑުމެންނަށް މަދަދުވެރިވާނެ. އަޅުގަނޑުމެންނަށް މި އިންތިހާބު ކާމިޔާބުވުމުގައި އެ ބޭފުޅާއަކީ ވެސް ސަބަބަކަށް ވާނެ،" ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.
ބުރާސްފަތި ދުވަހުގެ ރޭގައި ގާސިމާއި ނަޝީދު ވަނީ ގާސިމްގެ އަމިއްލަ ގެކޮޅު މާފަންނު ވިލާގައި ބައްދަލުކުރައްވައިފަ އެވެ. ގަޑިއެއްހާ އިރަށް ދިގުދެމިގެން ދިޔަ އެ ބައްދަލުވުމުގައި އިންތިޚާބުގެ ދެ ވަނަ ބުރުގައި ނަޝީދަށް ތާއީދުކުރެއްވުމުގެ ވާހަކަތަކެއް ދެއްކެވިންތޯ މީޑިއާ އިން ސުވާލުކުރުމުން ގާސިމް ވިދާޅުވީ "އަދި އެފަދަ ވާހަކަތަކާ ހަމައަށް ނުދާ" ކަމަށެވެ.
އިންތިހާބުގެ ދެ ވަނަ ބުރުން އެމްޑިޕީން ރަނގަޅު ނަތީޖާއެއް ހޯދާނެކަން ޕީޕީއެމަށް ވެސް އެނގޭ ކަމަށާއި މި ފަހަރުގެ އިންތިހާބު ޕީޕީއެމަށް ކާމިޔާބުކުރުމަށް ބޭނުންވި އިއްތިހާދެއް އެކުލަވާނުލެވުނު ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެމްޑީޕީއާ އިދިކޮޅަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކެއް އެއްކޮޅެއް ނުވި،" އެ މަނިކުފާނު ވިދާޅުވި އެވެ.
އަދާލަތު ޕާޓީން ވެސް ބަލި ގަބޫލުކޮށް، ރާއްޖެ ހައިޖާނުގެ ތެރެއަށް ނުގެންދެވުމަށް އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އާއި އިސްލާމިކް މިނިސްޓަރު އައްޝައިޚް މުހައްމަދު ޝަހީމާ އަދި އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފާ ހުސައިންއާ ބައްދަލުވުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެ ބޭފުޅުންގެ ކިބައިން "އާދޭހާއެކު އެދެނީ ހައިޖާނު އުފެއްދުމަށް ނުނިކުންނަވާށޭ" ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ ތިބޭފުޅުންގެ ވާދަވެރިންކަން އަޅުގަނޑުމެން ގަބޫލުކުރަން. އަދި އަޅުގަނޑުމެން ގަބޫލުކުރަން ތިބޭފުޅުން އަޅުގަނޑުމެންނާ ވާދަކުރައްވާން ޖެހިވަޑައިގަންނަވާނެކަން. އެހެން ނަމަވެސް މިހާރު ދެން ބަލިވެފައި މިއޮތް ވަގުތުކޮޅު ވެރިކަން އޮމާންކަމާ އެކީގައި ބަދަލުވެ، މަޝްރޫއުތައް ހިނގާލަންދެން، މިކަމަށް ބޭނުންވަނީ ގިނަވެގެން ދޮޅު މަހެއްހާ ދުވަސް، މަޑުޖައްސާލައިގެން ތިއްބެއްކަމަކު އަޅުގަނޑަށް ޔަގީން ފަޔަކަށް ހިންޏެއް ނާރާކަން،" ނަޝީދު ވިދާޅުވި އެވެ.
ދީނީ ބޭފުޅުންނާއި އިދިކޮޅު ޕާޓީތަކުން ނަޝީދަށް ކުރަމުންދާ ނެގެޓިވް ކެމްޕޭނުތަކަށް އިޝާރަތް ކުރައްވަމުން އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި "ލާދީނީ" ކިޔައިގެން އެ މަނިކުފާނަށް ގެއްލޭ ވޯޓަށް ވުރެ ލިބޭ ވޯޓު ވަނީ އިތުރުވެފަ އެވެ.
"މިހާރު ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ލާދީނީއޭ ކިޔުއްވާ އެ ބާވަތުގެ ވާހަކަ ދައްކާ ހެދީމާ އަޅުގަނޑުމެންނަށް ވޯޓު އިތުރުކަންވަނީ. އެއީ މިހާރު ހުރިހާ ބޭފުޅުންނަށް ވެސް ވަރަށް ސާފުވެފައި އޮންނާނެ ހަގީގަތެއް،" ނަޝީދު ވިދާޅުވި އެވެ.
"ނެގެޓިވް ކެމްޕޭނަކީ އެހާ ގިނަ ވޯޓު ލިބޭ ކަމެއް ނޫން. ކޮންމެވެސް މިންވަރަކަށް ލިބޭނެ. ކޮންމެވެސް މިންވަރަކަށް އެކަން ކުރައްވަން ވެސް ޖެހޭނެ. އަޅުގަނޑުމެންނަށް މިހާރު ދިމާވެގެން މިއުޅޭ ކަމަކީ ހުރިހާ އެންމެން މިކަމާ ރުޅިއަންނަން ފަށައިފި. އެ ގޮވާހާ އެއްޗެހިންނާއި އެ ވާހަކަ ދައްކަވާ ގޮތާއި ރާގާއި އެ ހުރިހާ ކަމަކާ ހުރެ އަޅުގަނޑުމެން ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންނަށް ތުރާއަކަށް ވެއްޖެ."
އިންތިޚާބު ކާމިޔާބުކުރުމަށް އެމްޑީޕީ އަށް ގާސިމް މަދަދުވެރިވާނެ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ