ރިޔާސީ އިންތިހާބުގައި ވޯޓ ުލީ މީހުންގެ ލިސްޓާއި ނަތީޖާ ޝީޓް ހޯދުމަށް ޖުމްހޫރީ ޕާޓީން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަންނަން ނިންމުމާ އެކު އެ މައްސަލަ މިއަދު އަނެއްކާ ވެސް ކޯޓަށް ހުށަހަޅާނެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ މައި ޖަގަހަ ކަމަށްވާ މ. ކުނޫޒްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅޭ ބައެއް ލިސްޓު ހޯދުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލީ ނޫން ކަމަށާއި އެކަމަކު ކޮމިޝަނުން އިތުރު ބައެއް މައުލޫމާތު ހޯދުމަށް އެންގީ ކަމަށެވެ. އަދި އެ މައުލޫމާތު ކޮމިޝަނުން ހޯދުމަށް ފަހު މިއަދު ހަމަ އެ މައްސަލަ އަލުން ހައިކޯޓަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ހައިކޯޓުން އިއްޔެ ބުނިގޮތުގައި އެ މައްސަލަ ކޯޓުން ބަލައިނުގަތުމަށް ނިންމީ އެއީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 64 ވަނަ މާއްދާގައި ބުނާ ހާލަތްތަކުގެ ތެރެއިން ހާލަތަކަށް ނުފެތޭ މައްސަލައެއް ކަމަށްވާތީ އެވެ.
އުމަރު ވިދާޅުވީ އިންތިހާބުގައި ވޯޓު ލީ މީހުންގެ ލިސްޓާއި، ވޯޓު ފޮށިތައް ކައިރީ ހަރަކާތްތެރިވި މީހުންނާއި އޮބްޒާވަރުން ސޮއި ކުރި ޝީޓު ހޯދުމަށް އިލެކްޝަންސް ކޮމިޝަނަށް ސިޓީ ހުށަހެޅި ކަމަށާއި އަދި އޭގެ ޖަވާބު ވެސް ލިބިފައިވާ ކަމަށެވެ. އެގޮތުން ވޯޓު ލީ މީހުންގެ ލިސްޓުގެ ނުލިބޭނެ ކަމަށް އިލެކްޝަނުން އަންގާފައިވާއިރު އެކަމަށް ކޯޑު އޯޑަރެއް ބޭނުންވާނެ ކަމަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މައްސަލައިގައި ކުޑަ ޓެކްނިކަލް މައްސަލައެއް ދިމާވުމުން ސާފުކުރަން ޖެހޭ އިތުރު ކަންތައްތަކެއް ހުރުމުން މައްސަލަ ކުރިއަށް ނުގެންދިޔައީ. އެކަމަކު އެކަން ސާފުކުރުމަށް ފަހު މާދަމާ ]މިއަދު[ އަނެއްކާ ވެސް ކޯޓަށް ހުށަހަޅާނަން،" އުމަރު ރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޯޓުލީ މީހުންގެ ލިސްޓު ހޯދަން ބޭނުން ވަނީ "ވަގު ވޯޓު" ލީ ކިތައް މީހުންތޯ އާއި އެއީ ނަތީޖާ ބަދަލުވާ ވަރުގެ އަދަދެއްތޯ ބެލުމަށް ކަމަށެވެ.
"އަޅުގަނޑަށް ހަމަ ޔަގީން ރާއްޖޭގެ 95،000 މީހުން ނަޝީދަކަށް ވޯޓެއް ނުލާނެކަން،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ބެލުމުން ރިޔާސީ އިންތިހާބުގައި 1،188 މީހުން، ގޭގެ ވެރިފަރާތަށް ނޭނގި އެ ގެތަކުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި 173 މީހުންގެ ނަން ލިސްޓުގައި ތަކުރާރުކޮށް ހިމަނާފައިވުމާއި މަރުވެފައި ތިބި 569 މީހުން ވޯޓު ލާ މީހުންގެ ލިސްޓުގައިވުމާއި އެ ލިސްޓުގައި ގިނަ އަދަދެއްގެ ކުޑަކުދިންގެ ނަން ހުރުން ފަދަ ގިނަ މައްސަލަތަކެއް ވޯޓު ރަޖިސްޓްރީގައި ހުރި ކަމަށެވެ.
އުމަރު ވިދާޅުވި ގޮތުގައި އިންތިހާބުގައި ޖުމްހޫރީ ޕާޓީ އަށް ދިމާވި މި މައްސަލައާ ގުޅިގެން އެކަން ހައްލު ކުރުމަށް ޕާޓީގެ މެމްބަރުން ތިބީ މަގުމައްޗަށް ވެސް ނިކުންނަން ތައްޔާރުވެގެންނެވެ. އެކަމަކު އެކަން ނުކޮށް ލަސް ކުރަނީ ކޯޓުން ނިންމާ ނިންމުމެއް ބެލުމަށް ގާނޫނީ މަރުހަލާ ފުރިހަމަވަންދެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ރޭ އެ ޕާޓީގެ މެމްބަރުން ވަނީ އިލެކްޝަން ކޮމިޝަނަރު ފުއާދު ތައުފީގުގެ ގޭދޮށަށް އެއްވެ މުޒާހަރާކޮށްފަ އެވެ.
އެ މުޒާހަރާގައި ބައިވެރިން ވަނީ ފުއާދު ތައުފީގް ވޯޓު އޮޅުވާލި ކަމަށް ބުނެ އޭނާގެ އިސްތިއުފާ އަށް ގޮވައިފަ އެވެ.
މިއަދު އަނެއްކާ ވެސް މައްސަލަ ކޯޓަށް ހުށަހަޅާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ