ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ކުރީގެ ރައީސް އަދި އިދިކޮޅު މައި ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާދަކުރައްވާނެ ކަމަށް ބުނެ ފަތުރާ ވާހަކަ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމުން ދޮގުކޮށްފި އެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ މަގާމު ފުރުއްވަމުން ގެންދެވި އެމްޑީޕީގެ މެމްބަރު ހުސެއިން ވަހީދު ކެންސަރު ބަލީގައި މިދިޔަ އަންގާރަ ދުވަހު އަވަހާރަވުމުންނެވެ. އޭނާ އަވަހާރަވީ އެ ބަލީގައި ހާލު ސީރިއަސްވެ، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އަންނަ ފެބުރުއަރީ މަހުގެ ފަސް ވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ނިންމައިފަ އެވެ.
އެ ދާއިރާއަށް ޔާމީން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ވާހަކަތަކާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އެޕާޓީން އެގޮނޑިއަށް ވާދަކުރާނެ ކަމަށް ވިދާޅެއްނުވެ އެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކޮށްފައި ވަނީ، މަރުހޫބް ހުސެއިން ވަހީދު ނިސްބަތްވެވަޑައިގެންނެވި ޕާޓީ، އެމްޑީޕީން އެކަންޏެވެ. އެޕާޓީން ވަނީ، އެ ދާއިރާގެ ބައި އިލެކްޝަން ޕްރައިމަރީ މިމަހުގެ 27 ވަނަ ދުވަހު ބާއްވަން ނިންމައި، ކުރިމަތިލާން ހުޅުވާލައިފަ އެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ޔާމީން ވާދަކުރައްވާ ވާހަކަ ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ