ވޮލީ ކޯޓުން ވިދާލި ޖޫޒާން، ފުޓްސަލް ދަނޑުގައި ވެސް އަތުނުޖެހޭ
ފާތިމަތު ޖޫޒާން ޒަރީރަކީ ވޮލީގެ އާއިލާއާ ވަރަށް ގާތް ނަމެކެވެ. އެހެން ނަމަވެސް ފުޓުބޯޅައާއި ފުޓްސެލްއަށް ލޯބިކުރާ މީހުންނަށް މިއީ އެހާ ރައްޓެހި ނަމަކަށް ނުވެދާނެއެވެ. ނިމިދިޔަ 2021ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗުގައި 26 އަހަރުގެ ޖުޒާންގެ ފަރާތުން ފެނުނީ އާދަޔާޚިލާފު މޮޅު ކުޅުމެކެވެ. އެމްޕީއެލްގެ ނޫ ޖޯޒީގައި ޖޯޝާއެކު ކުޅެމުންދިޔަ ޖޫޒާންް އަތުޖެއްސުމަކީ އިދިކޮޅުން ކުޅުނު ވެކްމޯ ޓީމަށް ވާވަރު ކަމަކަށް ނުވިއެވެ. ފަތިފައްޗަށް ޖޫޒާން ދިޔައީ ގޯލުތައް ޖަހަމުންނެވެ. ފައިނަލު މެޗެއްގައި އެހާ ގިނަ ގޯލު ޖެހުމަކީ ވަރަށް މަދުން ނޫނީ ކުރެވޭ ކަމެއް ނޫނެވެ. ނަމަވެސް ޖޫޒާން އެކަން ވެސް ކޮށްފިއެވެ. އޭނާ ފައިނަލު މެޗުގައި ފަސް ގޯލު އެމްޕީއެލްއަށް ޖަހައިދިނެވެ. ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލު މެޗުގައި ލަނޑެއް ޖެހުމަށްފަހު ޖޫޒާން ސެލެބްރޭޓް ކުރަނީ -- ޏ. ފުވައްމުލަކު ދަޑިމަގު އަވަށަށް ނިސްބަތްވާ ޖޫޒާން ކުޑައިރު ފުޓްސަލް ކުޅެއުޅުނެވެ. އޭރު އޭނާގެ ގިނަ ރައްޓެހިންނަކީ ފިރިހެންކުދިން ކަމަށްވާތީ އެ ކުދިންނާއެކު އޭނާ ވަރަށް ގިނައިން ފުޓުބޯޅަ ކުޅެއެވެ. ކުޑައިރު ފުޓުބޯޅަ ކުޅެއުޅުނުކަމުގައި ވިޔަސް ފުރާވަރަށް އެޅުމުން އޭނާ ފުޓުބޯޅަކުޅުން ހުއްޓާލިއެވެ. "ދުވަހަކު ވެސް ހިތަކަށް ނާރާ ފުޓުބޯޅައިން ކުރިއަށް ދާކަށް، އެގޮތަކަށް އެ ކަހަލަ އެއްވެސް އެއްޗެއް ނީނދޭ ހިތަކުއެއް،" ޖޫޒާން ކިޔައިދިނެވެ. ގުރޭޑް 10 ނިންމުމަށްފަހު ޖޫޒާން ކުޅެން ފެށީ ވޮލީބޯޅައެވެ. އޭރު އެ ރަށުގައި އެންމެ ފޯރީގައި ކުޅުނު ކުޅިވަރަކީ އެއީ ކަމަށް ވާތީއެވެ. އޭރު ފެށި ގޮތަށް ވޮލީއަކީ ޖޫޒާން ވަރަށް ކުޅޭހިތްވި ކުޅިވަރެކެވެ. ގުރޭޑް 12ގައި އުޅެނިކޮށް އޭނާއަށް ގައުމީ ޓީމަށް ދާން ލިބުނު ފުރުސަތަކީ ވޮލީއަށް އޭނާގެ ހިތުގައި އޮތް ލޯބި އިތުރުވި ކަމެކެވެ. ވޮލީގެ ދާއިރާއިން އޭނާވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރެއިން ވެސް 2019ވަނަ އަހަރު ބަންގާޅުގައި އޮތް މުބާރާތަކުން ގައުމީ ޓީމަށް ލިބުނު ރިހި މެޑައްޔަކީ ޖޫޒާންއަށް ހާއްސަ ކާމިޔާބީއެކެވެ. އަދި 2017ވަނަ އަހަރު އޭނާއަށް އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔާއަށް ދޭ "މިހާރު އެވޯޑްސް" ލިބުމަކީ އޭނާގެ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. ޖޫޒާންގެ އުއްމީދަކީ ގައުމީޓީމާއެކު ރަން މެޑައްޔެއް ހޯދުން -- އެމްޕީއެލްގެ އެޗްއާރުގައި މަސައްކަތް ކުރާ ޖޫޒާން އެ ޓީމަށް ކްލަބް މޯލްޑިވްސް ކަޕްގެ ފަސް މުބާރާތް ކުޅެދީފިއެވެ. މިދިޔަ ތިން އަހަރު އެމްޕީއެލްއިން ތަށި ކާމިޔާބުކުރި އިރު ޖޫޒާންއަކީ އެ ޓީމުގައި މުހިންމު ނަމެކެވެ. މިދިޔަ އަހަރުގެ ކުރިން ކްލަބް މޯލްޑިވްސް ކަޕެއް އޮތީ 2019ވަނަ އަހަރުގައެވެ. އޭގެ ފަހުން 2020ގައި ކޮވިޑާހެދި އެ މުބާރާތެއް ނުބޭއްވުނެވެ. 2019ވަަނަ އަހަރަކީ އެމްޕީއެލްއިން ދެވަނަ ފަހަރަށް އެ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަަންކަން ހޯދިފަހަރެވެ. އެ އަހަރުގެ މުބާރާތުގެ ތަށި އުފުލާލި ދުވަހުން ފަށައިގެން ވެސް ޖޫޒާން ދުށް ހުވަފެނަކީ ތަށި މިލްކު ކުރުމެވެ. އޭނާއާއި މުޅި ޓީމުން ވެސް ތިބީ އެ އަޒުމުގައެވެ. ކްލަބް މޯލްޑިވްސް ކަޕް ބާއްވާނެ ދުވަހަކަށް ކެތްމަދުވެފައެވެ. 2021ވަނަ އަހަރުގެ ތައްޓާއެކު ސީއެމްސީގެ ތަށި އެމްޕީއެލުން ވަނީ މިލްކުކޮށްފައި -- ކްލަބް މޯލްޑިވްސް ކަޕްގެ ތަށި މިލްކު ކުރުމަކީ މީގެ ކުރިން އެއްވެސް ޓީމަކަށް ވެފައި އޮތް ކަމެއް ނޫނެވެ. ނަމަވެސް ޖޫޒާންއާއި އެމްޕީއެލް ޓީމުގެ ހިތްވަރުން އެކަން ވެސް އެ ޓީމުން ކާމިޔާބު ކުރިއެވެ. ގައުމީ ވޮލީ ޓީމުގައި މިއަދު ޖޫޒާންއަކީ މުހިންމު ކުޅުންތެރިއެކެވެ. އެހެންކަމުން ވޮލީ ކޯޓު ދޫކޮށްލައި ފުޓުބޯޅަ ދަނޑަށް ދިއުމުގެ ހިޔާލެއް އޭނާގެ ނެތެވެ. ޕްރެފެޝަނަލީ ފުޓުބޯޅަ ކުޅުމަކީ އޭނާގެ ވިސްނުމެއް ނޫނެވެ. ޖޫޒާން ގައުމީ ޓީމުގެ މެޗެއްގައި -- "ފުޓްސަލް އިން ފެންނާނީ. ކްލަބް މޯލްޑިވްސްގައި ފެންނާނެ ކުރިއަށް އޮތްތަނުގައި ވެސް،" ޖޫޒާން ބުންޏެވެ. ފުޓްސަލްގައި މާ ބޮޑު ޓާގެޓުތަކެއް އޭނާގެ ނެތެވެ. ދެން ވެސް އޭނާ ކުރާ އުއްމީދަކީ ހަތަރުވަނަ ފަހަރަށް އެމްޕީއެލްއަށް ކްލަބް މޯލްޑިވްސްކަޕް ކާމިޔާބު ކޮށްދިނުމެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެވެ. ފުޓްސަލް އަދި ވޮލީއިން ކުރިއަށް ދިއުމުގައި ވެސް އެމްޕީއެލްގެ މެނޭޖްމަންޓުން އޭނާއަށް ފުރިހަމަ އެއްބާރުލުން ދެއެވެ. ނިމިދިޔަ ކްލަބް މޯލްޑިވްސްކަޕްގައި ޖޫޒާން އެންމެ މެޗެއް ފިޔަވާ ހުރިހާ މެޗެއްގައި ލަނޑު ޖެހިއެވެ. އެއީ ވެމްކޯއާ ދެކޮޅަށް ކުޅުނު ގުރޫޕް ސްޓޭޖް މެޗެވެ. ފުޓްސަލްގައި ޖޫޒާންއަށް އެންމެ ބޮޑު އެހީތެރިކަމެއް ވީ އެމްޕީއެލްގެ ކޯޗު އަހުމަދު ވިޝާލް (އަންދު)އެވެ. ކޮވިޑުގެ ދުވަސްވަރު ނުކުޅެ ހުރުމުން އޭނާ ހުރީ މުބާރާތުގެ ފަރިތަކުރުންތައް ފެށިއިރު ވަރަށް ފިޓްކޮށެއް ނޫނެވެ. "ޕްރެކްޓިސްއަށް ފުރަތަމަ ދިޔަ ދުވަހު ވެސް އަންދު ކޯޗު ބުނި، ޖޫޒް ފިޓް ކޮށްދޭނަމޭ މުބާރާތަށް. ތިމަންނަ ޖޫޒްއަށް ޓްރަސްޓް ކުރަމޭ. ކޯޗު އަސްލު ވަރަށް ވަރަށް މޮޅު. ކޯޗުއަށް އެނގޭ ޕްލޭޔާސް ގެންގުޅެން،" ޖޫޒާން ކިޔައިދިނެވެ. ޖޫޒާން އޭނާއަށް 2021ވަނަ އަހަރުގެ ސީއެމްސީން ލިބުނު ޓްރޮފީތަކާއެކު -- ފުޓްސަލް ދަނޑުގައި ޖޫޒާން އަތު ނުޖެހުނު ނަމަވެސް، މިއީ އޭނާ ކުރިއަށް ދާން ބޭނުންވާ ދާއިރާއެެއް ނޫނެވެ. އޭނާގެ އުއްމީދުތައް ގުޅިފައިވަނީ ވޮލީ ބޯޅައާއެވެ. ރާއްޖޭގެ ގައުމީ ޓީމާއެކު ވޮލީގައި ސާކްގެ މެޑަލިސްޓަކަށް ވުމަކީ އޭނާ ކުރާ އުއްމީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ