ހޮނިހިރު ދުވަހު ކަރަންޓު ދޭނީ 5 އަދި 6 ވަނަ ޓަވަރަށް

ހޮނިހިރު ދުވަހު ހިޔާ ފްލެޓްގެ ފަސްވަނަ ޓަވަރާއި ހަވަނަ ޓަވަރަށް ކަރަންޓް ދިނުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހިޔާ ފްލެޓްގެ އެކި ޓަވަރުތަކަށް ކަރަންޓު ފޯރުކޮށްދޭން ފަށާފައި ވާއިރު، މިމަސައްކަތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން ހަވީރު 17:00 އަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި މާދަމާ (21/08/2021) ގައި 5 އަދި 6 ވަނަ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ގަޑި އެންގިގެންދާނެކަމަށެވެ. އެބޭފުޅަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް އެކުންފުނިން ދޫކޮށްފައިވާ ސްލިޕާއި، ފްލެޓްގެ ތަޅުދަނޑިއާއެކު، ޓަވަރުތަކަށް ވަޑައިގަތުމަށް ސްޓެލްކޯއިން ވަނީ ބުނެފައެެވެ.
ހިޔާ ފްލެޓްއަށް ކަރަންޓްދޭން ފަށާފައި ވާއިރު، އެންމެ ފުރަތަމަ ކަރަންޓް ދީފައި ވަނީ 15 އާއި 16 ވަނަ ޓަވަރަށެވެ.
އަދި ބުދަ ދުވަހު ކަރަންޓް ދީފައި ވަނީ 11 އާއި 12 ވަނަ ޓަވަރަށެވެ. ހަތްވަނަ ޓަވަރާއި އަށްވަނަ ޓަވަރަށް ކަރަންޓް ދިނީ ބުރާސްފަތި ދުވަހުގައިއެވެ.
ހުކުރު ދުވަހު ކަރަންޓު ދޭން ހަމަޖެހިފައި އޮތީ 3 އަދި 4 ވަނަ ޓަވަރެށެވެ. އެހެންނަމަވެސް އެ ދެ ޓަވަރުގެ ލިފްޓައް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މި ދެ ޓަވަރަށް ކަރަންޓު ދިނުމަށް ކުރި މަސައްކަތް ވަނީ ހުއްޓާލާފައެވެ.
އަދި މި 2 ޓަވަރަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިޔަށް ގެންދާނެ ދުވަހެއް އެ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އަންގާނެކަމުގައި ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ