މޫސުމީ ބަދަލުގެ މައްސަލައިގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ: އަމްޖަދު

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލާގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ޗީފް ނެގޯޝިއޭޓަރު އަމްޖަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަމްޖަދު މިހެން ވިދާޅުވީ އދ. ގެ ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) ގެ ޔޫޓިއުބް އެކައުންޓުން އާއްމުކުރި ސްޕޮޓެއްގަ އެވެ. ޕޮލެންޑުގެ ކަޓުވީސާގައި މިހާރު ކުރިޔަށްދާ ކޮޕް 24 ވަނަ ސަމިޓާ ބެހޭގޮތުން ވާހަކަދައްކަވަމުން އަމްޖަދު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރަން އިންވެސްޓް ކުރަންޖެހިފައިވާ ކަމަށާއި މިކަމަށް ދެން އިތުރު ވަގުތު ނެތް ކަމަށެވެ.
އެއޯސިސްގެ ފަރާތުން ކޮޕް ސަމިޓްގައި ހަރަކާތްތެރިވަމުންދާ އަމްޖަދު ވިދާޅުވީ ނޮން-ޕާޓީ ސްޓޭކްހޯލްޑާސް ނުވަތަ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ކުރާ މަސައްކަތަކީ ފާހަގަކޮށްލެވޭ މުހިއްމު މަސައްކަތްތަކެއް ކަމަށެވެ. އަދި މި ފަރާތްތަކުގެ ސަބަބުން ދާން އުޅޭ މިސްރާބަށް ދިއުމަށް ސަރުކާރުތަކަށް ބާރު އެޅުމަކީ މިގޮތުން ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށް އަމްޖަދު ވިދާޅުވި އެވެ.
އެއޯސިސްގެ ފަރާތުން މިކުރާ މަސައްކަތުގައި ނޮން-ޕާޓީ ސްޓޭކްހޯލްޑާސްގެ ދައުރުގެ ސަބަބުން ވަރަށް ބޮޑު ފައިދާއެއް ކުރާ ކަމަށް އަމްޖަދު ވިދާޅުވި އެވެ. އަދި މިފަދަ ބައްދަލުވުމެއްގައި ގުޅިގެން ކުރެވިދާނެ ގިނަ މަސައްކަތްތަކެއް ހުރިކަމަށް ގަބޫލުކުރައްވާކަން ހާމަކުރައްވަމުން އަމްޖަދު ވިދާޅުވީ ރިސާޗާއި ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން މިކަމުގައި ސަރުކާރުތަކަށް ބާރުއެޅުމަކީވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.
ހުރިހާ ފަރާތްތަކުން އަންނަ މެސެޖްތަކުގައިވެސް މި ދެކެވެނީ އެއް ވާހަކައެއް ކަމަށާއި އެވާހަކައަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅަންޖެހިފައިވާ ކަމަށް އަމްޖަދު ވިދާޅުވި އެވެ. އަދި މިގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ބޮޑެތި އިންވެސްޓްމަންޓުތައް ބޭނުންވެފައިވާ ކަމަށް އަމްޖަދު ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ނުކުރާނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި އެންމެން ގުޅިގެން މަސައްކަތްކޮށް ކުރިޔަށް ދިއުމުގެ ޝިއާރުގެ ދަށުން މި ބައްދަލުވުން ކުރިޔަށް ދިއުމަކީ ވަރަށް މުނާސަބުކަމެއް ކަމަށް އަމްޖަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ