ރާއްޖޭގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ވަރަށް ބުއްދިވެރި އަދި ގައުމަށް އިހުލާސްތެރި ބޭފުޅެއް ކަމަށް ދިގު 30 އަހަރުގެ ވެރިކަމެއް ކުރެެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރޭ ރާއްޖެޓީވީއިން ގެނެސްދިން ރައީސް މައުމޫންގެ ހާއްސަ ބަސްދީގަތުމެއްގައި ކުރީގެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން މައުމޫން ވިދާޅުވީ ރައީސް ނަޝީދާ އެމަނިކުފާނާ އޮތް ގުޅުން ވަރަށް ބަދަހި ކަމަށާއި ދެ ބޭފުޅުން ވެސް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް މާފުކޮށްފައިވާ ކަމަށާއި ބައްދަލުވާ އިރު މާޒީވެ ދިޔަ ކަންކަމުގެ ވާހަކަ ނުދައްކަވާ ކަމަށެވެ.
" ކުރެއްވީ އެހެންނޭ މިހެންނޭ، އެވާހަކައެއް ނުދައްކާ. ވޭތުވެ ދިޔަ ތަން ވޭތުވެ ދިޔަ ކަމަށް ދޫކޮށްލައިފިން. އަޅުގަނޑާއި ރައީސް ނަޝީދާ ބައްދަލުވާ އިރު އެއްގޮތަކަށް ވެސް އެވާހަކައެއް ނުދައްކަވާ.އެކަން އެ އޮތީ ގޮސް ނިމިފައި. އަޅުގަނޑުމެން އެކަކު އަނެކަކަށް މާފު ކޮށްފިން" މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ރަހުމަތްތެރިކަން މިއޮތީ އަލުން ގަބޫލުކޮށްފައި ކަމަށާއި ރައީސް ނަޝީދަކީ ވަރަށް ބުއްދިވެރި އަދި ވަރަށް ގައުމަށް އިހުލާސްތެރި ބޭފުޅެއް ކަމަށެވެ. މައުމޫން ވިދާޅުވީ ނަޝީދާއި އެ މަނިކުފާނާ ދެ ބޭފުޅުންނަކީ ވެސް ގައުމަށް ވަރަށް އިހްލާސްތެރި ދެ ބޭފުޅުން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
ރައީސް މައުމޫން އާއި ކުރީގެ ރައީސް ނަޝީދު ފާހަގަވެގެން ގޮސްފައިވަނީ ސިޔާސީ މައިދާނުގައި ދެ ހަތުރުންގެ ގޮތުގައި އެވެ. ރައީސް މައުމޫނާ ވާދަ ކުރައްވައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނަޝީދު އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ކުރިން މައުމޫނުގެ ވެރިކަމުގައި ނަޝީދު ވަނީ އެތައް ފަހަރަކު ޖަލަށް ވަޑައިގަންނަވަން ޖެހި އަމިއްލަފުޅަށް ރާއްޖެ އިން ބޭރަށް އަރުވާލެއްވިގެން ވެސް އުޅުއްވަން ޖެހިވަޑައިގެންފައެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ނަޝީދާ ވާދަ ކުރައްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރެއްވިއިރު ޔާމީނު ވެރިކަމަށް ގެންނެވުމަށް އެންމެ ބޮޑަށް މަސައްކަތްފުޅު ކުރެއްވީ ވެސް ރައީސް މައުމޫން އެވެ.
ނަޝީދަކީ ވަރަށް ބުއްދިވެރި، ގައުމަށް އިހުލާސްތެރި ބޭފުޅެއް - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ