ޖޭޕީގެ ޓިކެޓުގައި ހޮވުނު ބައެއް މެމްބަރުން ޖޭޕީ ދޫކޮށް ދާންޖެހުނީ މަޖުބޫރުން، ދާއިރާގެ ތަރައްގީއަށްޓަކައި: ގާސިމް

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވުމަށް ފަހު، ބައެއް މެމްބަރުން އެ ޕާޓީ ދޫކޮށް ދާން ޖެހުނީ އެ މެމްބަރުންގެ ދާއިރާތަކުގެ ހައްގުގައި ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ)އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވަނީ މިއަދު ޖޭޕީއަށް ސޮއިކުރައްވައިފައެވެ. އޭގެ ތެރެއިން އަބުޅޯ، މެމްބަރުކަމަށް ހޮވިވަޑައިގެންނެވީ ޖޭޕީގެ ޓިކެޓުގައެވެ.
އެ ދެ މެމްބަރުން ޖޭޕީއަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެ ހާލަތާ ގުޅިގެން ޖޭޕީން ގިނަ އަދަދެއްގެ މެމްބަރުންތަކެއް ވަކިވާން ޖެހުނު ކަމަށާއި އެހެން އެ ދިމާވާން ޖެހުނީ އެ ދާއިރާތަކަށް ހުރި ހުރަސްތަކާއި އުނދަގުލާއި ނިކަމެތިކަމުގެ ސަބަބުން އެކަން ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީން ދިހަ ވަރަކަށް މެމްބަރުން އެގޮތަށް ވަކިވެވަޑައިގެންނެވި. އެހެން އެ ދިމާވާން ޖެހުނީ ހަގީގަތުގައި ވެސް އެ ދާއިރާތަކަށް ހުރި ހުރަސްތަކާއި އުނދަގުލާއި ނިކަމެތިކަމުގެ ސަބަބުން އެކަން ކޮށްދިނުމުގެ ބޭނުމުގައި. އަދި ހަމައެއާއެކު އަޅުގަނޑުމެންގެ ތެރޭގައި ހަތް ބޭފުޅަކު ތިއްބެވި. ސުވާލަކަށް ވެދާނެ ކީއްވެހޭ އެ ބޭފުޅުން ތިއްބެވީ. އެބޭފުޅުން ތިއްބެވި ގޮތް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނީ. އަޅުގަނޑު ކޮންމެހެން އޭގެ ތަފްސީލަކަށް ދާކަށް ބޭނުމެއް ނެތް،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގެންނެވުމަށް ފަހު އެ ޕާޓީން އަބުޅޯ ވަކިވެވަޑައިގެންނެވީ ތިނަދޫގެ ޕްރޮޖެކްޓްތަކަށް އެއްވެސް ފައިސާއެއް ނުދީ، ޕްރޮޖެޓްތައް ފައްޓާފައި ތާށިކޮށްލުމުގެ ސަބަބުން އެ ޕްރޮޖެކްޓްތައް ހިންގުމާއި ރައްޔިތުންނަށް އެ ހިދުމަތް ދިނުމަށްޓަކައި އެ ނޫން އެހެން ގޮތެއް ނެތިގެން ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގުމުގެ ތެރެއިން އެކަންކަން ދިޔައީ. އެހެންނަމަވެސް ރައްޔިތުންނަށް އެވަގުތު އެވާހަކަތައް ހާމަކޮށް، ސާފުކޮށް، ދެންނެވުމަކީ ކުރެވެން އޮތް ކަމަކަށް ނުވާތީ އަދި ދަތި ކަމަކަށް ވާތީއާއެކީ. ތިނަދޫ ރައްޔިތުންގެ ހައްގުގައި އެބޭފުޅާ މިތަނުން ވަކިވެވަޑައިގަތީ. މިއަދު އެ ސަރުކާރު ނިމިދިއުމާ ގުޅިގެން އެބޭފުޅާ އެނބުރި ވަޑައިގަތް ގަތުން އެއީ އަޅުގަނޑު މިދެންނެވި ބަހުގެ ހެއްކަކީ،" އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ