ސުޕްރީމް ކޯޓުގެ ނިންމުމަށް އެމެރިކާއިން މަރުހަބާ ކިޔައިފި

ރިޔާސީ އިންތިހާބު ބާތިލް ނުކުރުމަށް މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމަށް އެމެރިކާއިން މަރުހަބާ ކިޔައިފިއެވެ.
އެމެރިކާގެ ފަރާތުން މި ނިންމުމަށް މަރުހަބާ ވިދާޅުވެފައިވަނީ ރާއްޖެއާއި ސްރީލަންކާއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނެވި ސަފީރުގެ ދައުރު ހަމަވުމުން، ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މިވަގުތު ހުންނެވި ރޮބާޓް ހިލްޓަންއެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށްފަހު ރޮބާާޓް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވާކުރެއްވުމަށްފަހު އެމަނިކުފާނުގެ ޒައާމަތުގައި ދެގައުމު ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ދިވެހިންނަށް ލިބިގެން މިދިޔައީ ވަރަށް އުންމީދީ އާ ޒަމާނެއް ކަމަށްވެސް ރޮބާާޓްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ސުޕްރީމް ކޯޓުގެ މި ނިންމުމަށް އެމެރިކާއިން މަރުހަބާ ކިޔާފައިވާއިރު، ސުލުހަވެރިކަމާއެކު މަސައްކަތްކޮށް އިބްރާހީމް މުހައްމަދު ސޯލިލަށް ވެރިކަމުގެ ބާރުތައް ހަވާލުކުރުމަށް ރައީސް ޔާމީނުގެ ސަރުކާރުން ދެކޮޅުހަދާނަމަ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ބުނެ އެމެރިކާއިން ވަނީ ރައީސް ޔާމީނަށް ތަކުރާރުކޮށް އިންޒާރު ދީފައެވެ.
އަދި އިންތިހާބީ ރައިސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކާމިޔާބީއަށް މަރުހަބާ ކިޔުމަށްޓަކައި ދެކުނު އޭޝިއާ އަދި ސެންޓްރަލް އޭޝިއާގެ ކަންތައްތައް ބެލެހެއްޓުމަށް އެމެރިކާއިން ގާއިމުކޮށްފައިވާ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒްގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ އެލިސް ވެލްސް ވަނީ ރާއްޖެ ވަޑައިގެން އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ