ރައްޔިތުން އެދިއްޖެނަމަ ކައުންސިލްތަކުން ރައްޔިތުންނާ ބައްދަލުކުރަން ލާޒިމްކޮށްފި

ރައްޔިތުންގެ ތެރެއިން ވަކި އަދަދެއްގެ ރައްޔިތުން އެދިއްޖެނަމަ ލޯކްލަ ކައުންސިލްތަކުން ރައްޔިތުންނާ ބައްދަލުކުރަންޖެހޭ ގޮތަށް ގޮތަށް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފި އެވެ.
އެލްޖީއޭ އިން މިގޮތަށް ކަނޑައެޅީ މިއަދު ބޭއްވި އެލްޖީއޭގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުމުގައި ފާސްކުރި އުސޫލުގަ އެވެ.
މިބައްދަލުވުމަށްފަހު އެލްޖީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކައުންސިލްގެ އިޚްތިޞާސް ހިމެނޭ ކަމަކާއި ނުވަތަ ކަންތައްތަކަކާއި ގުޅިގެން ކައުންސިލާއި މަޝްވަރާކޮށް ޚިޔާލު ފާޅުކުރުމަށް ސިޓީއެއްގައި ނުވަތަ ރަށެއްގައި ދިރިއުޅެމުން ގެންދާ މީހުންގެ ތެރެއިން 100 މީހުން ނުވަތަ އެތަނެއްގައި އާންމުކޮށް ދިރިއުޅޭ އާބާދީގެ 20 އިންސައްތަ ރައްޔިތުން އެދިއްޖެ ނަމަ އެފަދަ ބައްދަލުވުމެއް ރަށުގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން ގިނަ ވެގެން 30 ދުވަހުގެ ތެރޭގައި ބާއްވަން ޖެހޭނެ ކަމަށެވެ.
އެލްޖީއޭ އިން ބުނީ މިފަދަ ނިންމުމެއް ނިންމައި ފާސްކޮށްފައިވަނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން އެ ކައުންސިލެއްގެ އިޚްތިޞާސްގައި ހިމެނޭ ކަންކަމާއި ގުޅިގެން ރައްޔިތުންނާއި މަޝްވަރާކުރުމަށް ރައްޔިތުން އެދިގެން ބާއްވާ ޓައުންހޯލް ބައްދަލުވުންތައް އެއް އުޞޫލެއްގެ މަތިން ބޭއްވުމަށް މަގުފަހިކުރުމަށްޓަކައި ކަމަށެވެ.
ވަކި އަދަދެއްގެ ރައްޔިތުން އެދުމުން ކައުންސިލްތަކުގެ ޓައުންހޯލް ބައްދަލުވުންތައް ބޭއްވޭނެ ފުރުސަތު ފަހިކޮށްދިނުމަކީ މިސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ