އިންޓަ ސްކޫލް ބީޗްވޮލީ މުބާރާތް ހުކުރު ދުވަހު ފަށަނީ
ސްކޫލްތަކުގެ މެދުގައި ބާއްވާ ދެ ވަނަ ބީޗްވޮލީބޯޅަ މުބާރާތް ހުކުރު ދުވަހު ފަށަން ވޮލީބޯޅަ އެސޯސިއޭޝަނުން ތައްޔާރުވެއްޖެ އެވެ. ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ކުރިއަށްދާ މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ހެންވޭރުގައި އޮންނަ ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓުގަ އެވެ. މި ފަހަރުގެ މުބާރާތުގައި ނުވަ ސްކޫލަކުން 20 ޓީމު ބައިވެރިވެ އެވެ. އެއީ 16 އަހަރުން ދަށުގެ އަންހެން ހަތަރު ޓީމާއި ފިރިހެން ފަސް ޓީމު އަދި 19 އަހަރުން ދަށުގެ އަންހެން ފަސް ޓީމާއި ފިރިހެން ހަ ޓީމެވެ. މުބާރާތުގައި ވާދަކުރަނީ މަޖީދިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލާއި އަމީނިއްޔާ ސްކޫލާއި ހިރިޔާ ސްކޫލާއި މުހިއްދީން ސްކޫލާއި ގަލޮޅު މަދަރުސާ އާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި ސީއެޗްއެސްއީ އަދި ލާލޭ އިންޓަނޭޝަނަލް ސްކޫލެވެ. ކުރިން ރާއްޖޭގައި ބީޗް ވޮލީބޯޅަ ކުޅުނު ނަމަވެސް ފާއިތުވި އަހަރުތަކުގައި އެ ކުޅިވަރު އޮތީ ހުއްޓިފަ އެވެ. އަހަރުތަކަކަށް ފަހު ބީޗު ވޮލީބޯޅައިގެ ހަރަކާތްތައް އަލުން ތައާރަފްކޮށް އެ ކުޅިވަރު ކުރިއެރުވުމަށް އެސޯސިއޭޝަނުން މަސައްކަތް ފެށީ 2009 ވަނަ އަހަރު އެވެ. ބީޗް ވޮލީބޯޅައިގެ ގައުމީ މުބާރާތް އަންނަނީ ބާއްވަމުންނެވެ. އަދި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވެސް ރާއްޖޭގެ ކުޅުންތެރިން އަންނަނީ ވާދަކުރަމުންނެވެ. އެސޯސިއޭޝަނުން ވަނީ މި އަހަރުގެ ބީޗް ވޮލީބޯޅަ ފެސްޓިވަލް މި މަހުގެ 16 އަދި 17 ގައި ބާއްވައިފަ އެވެ. ނުވަ ސްކޫލަކުން މި ފެސްޓިވަލުގައި 130 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ