ދުވާލަކު އެއް މިލިއަން ސްކޫލް ކުދިންނަށް ހިލޭ ކާންދޭ މީހާ

މަލާވީ (ޖޫން 7) - ސްކޮޓްލެންޑަށް އުފަން މެގްނަސް މެކްފާލޭން-ބެރޯ އަކީ އިންސާނީ ޚިދުމަތުގައި ނަމޫނާ ސަޚްސިއްޔަތެކެވެ. ބަންޑުހައި ހޫނުކަން މަތީ ސްކޫލަށް ދާ ކުދިންގެ ވޭންތަކަށް ލުޔެއް ހޯދައިދޭން 2002 ވަނަ އަހަރު މެގްނަސް ފެށި "މެރީސް މީލް" ދުނިޔޭގެ 12 ގައުމެއްގެ ކިޔަވާ ކުދިންނަށް ސްކޫލް އޮންނަ ކޮންމެ ދުވަހަކު ވެސް މިހާރު ލިބެ އެވެ. މެރީސް މީލްގެ ދަށުން ކާން ދޭ ސްކޫލް ކުދިންގެ އަދަދު އެއް މިލިއަނަށް އެރުން މެގްނަސް އާއި އޭނާގެ ޓީމުން މިދިޔަ ހަފުތާގައި ވަނީ މަލާވީގައި ފާހަގަކޮށްފަ އެވެ. މިއީ ކޮންމެ ހަފުތާ އަކަށް ބަލާ ނަމަ ފަސް މިލިއަން ކެއުމެވެ. މި ޕްރޮގްރާމް މެގްނަސް ފުރަތަމަ ފެށީ ވެސް މަލާވީގަ އެވެ. ސްކޫލް ކުދިންތަކަކަށް މެގްނަސް (ވ) ކާއެއްޗެހި ފޯރުކޮށްދެނީ. ކުރިން ދަނޑުވެރިކަމުގައި އުޅުނު މެގްނަސް ވަނީ 2010 ވަނަ އަހަރު، ސީއެންއެންގެ "10 ބަތަލުންގެ" ތެރޭގައި ވެސް ހިމެނިފަ އެވެ. އޭރު އޭނާގެ ޕްރޮގްރާމުގެ ދަށުން ދުވާލަކު ކާން ދެނީ 400،000 ސްކޫލް ކުދިންނަށެވެ. މެގްނަސް ބުނީ ސްކޫލަށް ދާ ކުދިންނަށް އޭނާ ތައާރަފް ކުރި ޕޮރިޖު ތަށީގެ ސަބަބުން ކުރިން ސްކޫލަށް ނުދާ އެތައް ކުދިންނެއް މިހާރު ސްކޫލަށް ދާން ފަށާފައިވާ ކަމަށެވެ. އަދި ކުރިން ބަނޑުހައިކަން މަތީ ސްކޫލަށް ދާ ކުދިންގެ ސިއްހަތު ރަނގަޅުވެ އެ ކުދިންނަށް ކިޔެވުމުގައި އާ ހިތްވަރެއް ލިބި ސްކޫލުގައި ކިޔަވައިދޭ ތަކެތި ދަސްްކުރަން މިހާރު ފަސޭހަ ކަމަށް ބުންޏެވެ. މެގްނަސްގެ މެރީސް މީލްގެ ޕްރޮގްރާމުގެ ދަށުން ސްކޫލް ކުދިން ކަނީ. މެގްނަސް ބުނީ އޭނާގެ މެރީސް މީލް ޕްރޮގްރާމް ފަށަން ޖެހުނީ 2002 ވަނަ އަހަރު މަލާވީ އަށް ކުރި ދަތުރެއްގައި އާއިލާގެ ހަ ކުދިންގެ ކުރިމަތީގައި މަންމަ އާއި ބައްޕަ ބަނޑަށް މަރުވެގެން ދިޔަ ހިތްދަތި މަންޒަރު ފެނިފައި ކަމަށެވެ. "އެ އާއިލާގެ ދޮށްޓަށް ކުރި އެޑްވަޑުގެ އުއްމީދުތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭނާ ބުނީ އެންމެ ބޮޑު އުއްމީދަކީ ބަނޑުފުރޭ ވަރަށް ކާން ލިބުން ކަމަށް. އަދި ކޮންމެ ވެސް ދުވަހަކުން ސްކޫލަށް ގޮސް ކިޔަވަން ބޭނުން ކަމަށް ބުނި. އޭރު އެޑްވަޑުގެ އުމުރަކީ 14 އަހަރު. މި ޕްރޮގްރާމުގެ ފެށުމަކީ އެޑްވަޑް ކަހަލަ އެހެން ކުދިންގެ ވެސް އުއްމީދުތައް ފުރިހަމަ ކޮށްދިނުން،" މެގްނަސް ބުންޏެވެ. މެގްނަސްގެ މެރީސް މީލް ޕްރޮގްރާމުގެ ދަށުން ކާން ދޭ ކުދިންގެ އަދަދު އެއް މިލިއަނަށް އެރުން ފާހަގަ ކުރަނީ. މެގްނަސް ބުނީ މަލާވީގެ ޕްރައިމަރީ ސްކޫލް އުމުރުގެ 25 ޕަސެންޓް ކުދިންނަށް މިހާރު ކޮންމެ ދުވަހަކު ވެސް ކާން ދެވޭ ކަމަށެވެ. އެކަމަކު އޭނާގެ ދަތުރު އަދި ފުރިހަމަ ނުވާ ކަމަށް ބުންޏެވެ. "އެއް މިލިއަން ސްކޫލް ކުދިންނަށް މިއަދު ކާންދެވޭ އިރު ސުވާލަކީ އަނެއް 57 މިލިއަން ކުދިން ބަނޑުހައިހޫނުކަން މަތީ ސްކޫލަށް ދާންޖެހެނީ ކީއްވެގެންތޯ. އަމާޒަކީ ބަންޑުހައިހޫނުކަން މަތީ ދެން ހުރި ކުއްޖާ އަށް ވެސް ކާން ދިނުން،" މެގްނަސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ