ހައި ކޯޓުގެ ހުކުމާއެކު ޖައިލަމްގެ މަރުގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިގެންފި
މި އަހަރުގެ ފެބްރުއަރީ މަހު މާލޭގައި މަރާލި ޖައިލަމް އަހުމަދުގެ މަރުގެ މައްސަލަ ބަލައިގަތުމަށް ހައި ކޯޓުން އެންގުމުން ކްރިމިނަލް ކޯޓުން މިއަދު އެ މައްސަލަ ބަލައިގެންފި އެވެ. ގުރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ ޖައިލަމް މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކުރި މައްސަލަ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ބަލައިނުގެންފަ އެވެ. އެ މައްސަލަ ބަލައިނުގަތް މައްސަލަ ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ ހޯމަ ދުވަހު ހުކުމްކުރީ އެ މައްސަލަ ބަލައިގަންނަންޖެހޭނެ ކަމަށެވެ. އެ ހުކުމާ ގުޅިގެން އެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ މައްސަލަ މިއަދު ބަލައިގެންފައިވާ ކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި އަލުން މައްސަލަ ހުށަހެޅިޔަސް ދައުވާއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. ހައި ކޯޓުން އަންގާފައި ވަނީ ހަތް ދުވަހުގެ ތެރޭގައި އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފި ނަމަ އެ މައްސަލަ ބަލައިގަންނަންޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ