އައްޑޫން ކަރަންޓް ކެނޑެނީ ފެނަކައިގެ އިހުމާލުން: މޭޔަރު

އައްޑު އަށް ކަރަންޓް ދެމުން އަންނަ އިންޖީނުތަކުގައި މައްސަލަ ޖެހި، ކަރަންޓް ކެނޑުމުގެ މައްސަލަ އާންމު އުނދަގުލަކަށްވެފައިވަނީ ފެނަކަ ކޯޕަރޭޝަންގެ އިހުމާލުން ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ އައްޑު އަށް ކަރަންޓްގެ ހިދުމަތް ދިނުމަށް ކުރީގެ ސަރުކާރުން އުފެއްދި ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އިން އެކަންކުރަމުން ދަނިކޮށް، އެ ކުންފުނި ފެނަކައިގެ ދަށަށް ބަދަލުކުރި ފަހުން ކަރަންޓްގެ ހާލަތު ގޯސްވެފައިވާ ކަމަށެވެ. އަދި އެކަން ރަނގަޅުކުރުމަށް ފެނަކަ އިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް މޭޔަރު ތުހުމަތު ކުރެއްވި އެވެ. ނަމަވެސް ފެނަކަ އާއި އެސްޔޫއެލްއާ މިހާރު ހަވާލުވެ ތިއްބެވި ވެރިން ވިދާޅުވީ ކަރަންޓް ކެނޑެނީ ފާއިތު ތިން އަހަރުގެ ތެރޭގައި އިންޖީނުތައް ސާވިސްކޮށް އޯވަހޯލް ކުރުމަށް އެއްވެސް މަސައްކަތެއްކޮށްފައި ނުވާތީ އިންޖީނުތަކު ހާލަތު ދަށްވެ، މައްސަލަ ޖެހެމުންދާތީ ކަމަށެވެ. ނަމަވެސް މޭޔަރު އެކަން ދޮގުކުރައްވައި ވިދާޅުވީ ފާއިތުވި ތިން އަހަރު ވެސް އައްޑު އަށް ކަރަންޓް ދޭ އިންޖީނުތައް މަރާމާތުކޮށް އެކަށީގެންވާ ގޮތަށް ބަލަހައްޓަމުން ދިޔަ ކަމަށެވެ. "އެ މަސައްކަތްކުރި ކަމުގެ ލިޔެކިޔުންތައް ވެސް ފެންނަން ހުންނާނެ މިހާރު ވެސް. ފެނަކަ އާއި އެސްޔޫއެލް މިހާރު ދައްކަނީ މުޅިން ހަގީގަތާ ހިލާފް ވާހަކަތަކެއް،" މޭޔަރު ވިދާޅުވި އެވެ. "ފެނަކަ އިން އެސްޔޫއެލްއާ ހަވާލުކުރި ފަހުން ހިދުމަތްތަކުގެ ހާލަތު ދަނީ ގޯސްވަމުން. ހިދުމަތްތައް ރަނގަޅުކޮށް، އިންޖީނުތަކަށް ބޭނުންވާ ސްޕެއާ އެއްޗެހި ހޯދާކަށް އެ މީހުން މަސައްކަތެއް ނުކުރޭ. މީގެ ކުރިއަށް ބަލާއިރު އެސްޔޫއެލްއަކީ ޔުޓިލިޓީ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅަށް އަދި އެންމެ ފައިދާ ވެސް ވާ ގޮތަށް ހިނގަމުން ދިޔަ ކުންފުނި." އައްޑޫގެ އާބާދީގެ ބޮޑު ބަޔަކަށް ކަރަންޓް ދިނުމަށް ބަހައްޓާފައިވާ ހަ އިންޖީނުގެ ތެރެއިން އިންޖީނެއްގެ ހޮޅި އަންގާރަ ދުވަހު ފަޅައިގެން ދިއުމާ ގުޅިގެން ދޭތެރޭ ދޭތެރެ އިން ދަނީ ކަރަންޓް ކެނޑެމުންނެވެ. މިކަމާ ގުޅިގެން އާންމުންގެ ޝަކުވާތައް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެސްޔޫއެލް އިން ބުނީ އިންޖީނު މަރާމާތުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ