މެމްބަރު އާމިރަށް 19 މިލިއަން ރުފިޔާ ދޭން ޑީއާރުޕީގެ މައްޗަށް ހުކުމްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރަށް 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޑީއާރުޕީގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ އާމިރަށް 19.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޑީއާރުޕީގެ މައްޗަށް ކޯޓުން އަމުރުކުރީ އާމިރު ހިންގާ ދެ ސްޓޫޑިއޯއަކުން ހޯދި ޚިދުމަތްތަކަކަށް ލިބެންޖެހޭ ފައިސާ ނުދީގެން އާމިރު ދައުވާ ކުރެއްވުމުންނެވެ. އާމިރުގެ އެއިމް ކްރިއޭޝަނާއި އޭވީއެމް ޕްރޮޑަކްޝަންސް އިން 2007 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ އިތުރުން 2009 ވަނަ އަހަރު ޑީއާރުޕީން ހިންގާފައިވާ ބައެއް ހަރަކާތްތަކުގެ ވީޑިއޯކޮށް، އެޑިޓް ކުރުމުގެ އިތުރުން އެކަންކަމާ ގުޅޭ ސާމާނާއި ތަކެތި ފޯރުކޮށް ދިނުމުގެ އަގަށް ވާ 19.9 މިލިއަން ރުފިޔާ ނުދައްކާ އޮތްކަން ދެ ފަރާތުގެ ބަހުން އެނގޭ ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ. ކޯޓުގެ ހުކުމުގައި އަންގާފައިވަނީ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެ ހުރިހާ ފައިސާއެއް ދެއްކުމަށެވެ. ކުރިން އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީން އާމިރަށް 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހިފައިވާއިރު އެމްޓީސީސީ އަށް ވެސް 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޑީއާރުޕީގެ މައްޗަށް ކޯޓުން ކުރިން ހުކުމްކޮށްފައިވެ އެވެ. އަދި ހަބް ކޮމްޕެނީއަށް ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައްކަން ވެސް އެ ޕާޓީގެ މައްޗަށް ކޯޓުން ހުކުމްކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ