700 މިލިއަން ޑޮލަރު ދައްކައިގެން ވެސް އެއާޕޯޓު ހޯދުމުގެ ފައިދާ ބޮޑު: ގާސިމް

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ޖީއެމްއާރަށް ބަދަލުގެ ގޮތުގައި 700 މިލިއަން ޑޮލަރު ދައްކައިގެން ވެސް އެ އެއާޕޯޓު އަނބުރާ ހޯދުމުގެ ފައިދާ "1،000 ގުނަ" ބޮޑު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ. އެ ޕާޓީން ބޭއްވި އާންމު ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާމިގިލީ ދާއިރާގެ މެމްބަރު ވިދާޅުވީ މިދިޔަ އަހަރު އެކަނި ވެސް އޭވިއޭޝަން ފިއުލް ވިއްކައިގެން ޖީއެމްއާރުން 72 މިލިއަން ޑޮލަރު ހޯދި ކަމަށެވެ. އަދި ގާސިމް ވިދާޅުވީ ޖީއެމްއާރަށް އެއާޕޯޓު ދޫކޮށްފައި އޮތީ 25 އަހަރަށް ނޫން ކަމަށާއި 35 އަހަރަށް ކަމަށެވެ. "ފަހުން 10 އަހަރު އިތުރު ކޮށްދީފައި ސޮއިކުރަނިކޮށް އަޅުގަނޑު ދުށީމު ޓީވީން ދައްކަނިކޮށް. އަލީ ހާޝިމް [ނަޝީދު ސަރުކާރުގެ ފިނޭންސް މިނިސްޓަރު] އިނދެގެން ސޮއިކުރެއްވީ. އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ ހަތް އަހަރުގެ ތެރޭގައި އަހަރަކު 50 މިލިއަން ލިބުނަސް ހަތް އަހަރު ދުވަހުގެ ތެރޭގައި 700 މިލިއަން ދައްކާ ނިމުނީ. ބާކީ އޮތް ތަނަކީ އަޅުގަނޑުމެންގެ ފައިދާ. މިއަދު އެ މީހުން [ޖީއެމްއާރު] ނަގަނީ 100- 150 މިލިއަނެއް ނޫނޭ އިނގޭތޯ؟ އަޅުގަނޑަށް ކަށަވަރުކޮށް އެނގޭ އެއްޗަކީ މިހާރު އަހަރަކު 120- 130 މިލިއަން ޑޮލަރަށް ވުރެ މަދެއް ނުވާނެކަން މިހާރު އެ ކޮންސްޓްރަކްޝަން ކުރަމުންދާއިރު ވެސް،" ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޖީއެމްއާރުގެ އެގްރީމަންޓާ ގުޅޭ ގޮތުން ސަރުކާރުގެ ހަތަރު ވަޒީރަކު އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި ދެއްކެވި ވާހަކަތައް ބަލައިގަންނަ ކަމަށެވެ. އެކަމަކު ޖީއެމްއާރުގެ ވާހަކަތައް އަބަދުވެސް ދައްކަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެކަމުގައި ދޫ ނުދެއްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ވަހީދުގެ ތަރުޖަމާން އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އައްބާސް އާދިލް ރިޒާ ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކުރިއަށް ގެންދާނީ ގައުމުގެ އިގުތިސާދީ މިނިވަންކަން ހޯދައިދޭ ބައެއްގެ މައްޗަށް ކަމަށެވެ. "މިއަދު އަޅުގަނޑަށް އަޑު އިވިގެން ދިޔަ ސަރުކާރުގެ ބަންޑާރަ ނާއިބު ވިދާޅުވި ދިވެހި ރާއްޖޭގެ މައި ގޭޓް ކަމުގައިވާ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހޯދުން ވާނީ ވަރަށް އުނދަގޫ ކަމަކަށޭ. އަޅުގަނޑު އެކަން ގަބޫލެއް ނުކުރަން. ދިވެހިރާއްޖޭެ އިންޓަނޭޝަނަލް އެއާޕޯޓް ހޯދުމަކީ ކުކުޅެއްގެ ބަނޑު ދަށުގައި އޮތް ބިހެއް ދަމައިގަތުންހާ ފަސޭހަ ކަމެއް،" އައްބާސް ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ދިވެހި ލޭ ހުރި، މި ދިވެހި ވިންދު ހުރި އެއްވެސް ދަރިއަކު އެ ބަސް ގަބޫލެއް ނުކުރާނެ. އަޅުގަނޑުމެން މި ތިބީ ބަޔަކު ދައްކާހާ ވާހަކައެއް ގަބޫލުކުރާ ގޮތަކަށް ނޫން. އަޅުގަނޑުމެން މި ތިބީ އަޅުގަނޑުމެންގެ ހައްގު ހޯދަން ނުކުމެ." އައްބާސް ވިދާޅުވީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަކީ ބަޔަކު މީހުން "ފޭރިގަނެފައިވާ" ރައްޔިތުންގެ ހައްގެއް ކަމަށާއި އެ ހައްގު ހޯދަންޖެހޭ ކަމަށެވެ. އޭނާ ވަނީ އެއާޕޯޓް ޖީއެމްއާރާ ހަވާލުކުރި މައްސަލަ ބެލުމުގެ ކަންތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލަސްވަމުންދާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އައްބާސް ވިދާޅުވީ ޖީއެމްއާރުގެ މައްސަލަ ނުބަލައި އެ ކޮމިޝަންގައި ބަޖެޓެއް ނެތް ކަމަށް ބުނުމުން ގަބޫލެއް ނުކުރެއްވޭ ކަމަށެވެ. "ބަޖެޓް ނެތް ވާހަކަ ދައްކަން މާ ލަސްވެއްޖެ. މިއީ ބަހަނާއެއް. އަޅުގަނޑު ގަބޫލެއް ނުކުރަން، ޖުމްހޫރީ ޕާޓީއަކުން ގަބޫލެއް ނުކުރަން މިފަދަ ބަހަނާތަކެއް. އަޅުގަނޑުމެންގެ ގައުމުގެ ހައްގުގައި ކުރަންޖެހޭ ކަމެއް، ހޯދަންޖެހޭ އެއްޗެއް އަޅުގަނޑުމެން ހޯދަންޖެހޭނެ. ކުރަން ޖެހޭނެ. އެކަމަކަށް ބަހަނާއެއް ނުދެއްކޭނެ،" އައްބާސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ