އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރުމަށް ބާއްވާ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ޕީޕީއެމްގެ ނައިބް ރައީސް އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެއެވެ.
ސިންގަޕޯރގައި ހުންނަ އިނގިރޭސި ވިލާތުގެ ހަލް ޔުނިވާރސިޓީގެ ކެމްޕަސްގައި މާސްޓަރސް އިން ބިޒިނަސް ހެއްދެވުމަށްފަހު މިރޭ މާލެ ވަޑައިގެން ކުރީގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކުރިމަތިން އޮންނަ ޖެޓީއަށް ފައިބާވަޑައިގެން ނޫސްވެރިންނަށް ދެއްވި ކުރު އިންޓަވިއުއެއްގައި އުމަރު އިތުރަށް ވިދާޅުވީ މާސްޓަރސްގެ ސަބަބުން ވިޔަފާރީގައާއި ސިޔާސީ ކަންކަމުގަ ކުރިއަށްދާން ވަރަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.
"ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރަން އެއްވެސް ހުރަހެއްނެތް، އަދި ތައުލީމީ ގޮތުންވެސް މިހާރަކު ހުރަހެއްނެތް، ދާދި އަވަހަށް އެކަމާ ދޭތެރޭ އަޅުގަނޑު ގޮތެއްނިންމާނަން، ވަރަށް އެކަށީގެންވޭ ޕްރައިމަރީގައި ވާދަކުރުން،" އުމަރު ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނަންތޯ ކުރި ސުވާލާ ގުޅިގެން ވިދާޅުވިއެވެ.
މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ސިންގަޕޫރުގައި ކިޔަވާ ވިދާޅުވުމަށްފަހު މިރޭ މާލެއައީ އެޕްރޮގްރާމްގެ އެންމެފަހު އިމްތިހާން ނިންމާފައިކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"ކޯހުގެ ހުރިހާ އިމްތިހާނަކުންވެސް ފާސްވި، އަދި މިއަދު ނިމުނު އިންތިހާނުންވެސް ފާސްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" އުމަރު ވިދާޅުވިއެވެ.
އިތުރަށް އުމަރު ވިދާޅުވީ މިއީ ސިޔާސީ ހަރަކާތްތަކުގައާއި ވިޔަފާރީގައި އުޅެމުން މާސްޓާސްއެއް ހާސިލްކުރި ފުރަތަމަ މީހާކަށާއި ނަމަވެސް މިއީ ވަރަށް ބުރަ ކަމެއްކަމަށާއި އެއީ މިޕްރޮގްރާމްގައި ބައިވެރިވެ ކޮންމެ މަހެއްގެ ދިހަ ދުވަހު ސިންގަޕޯރގެ ކެމްޕަސްގަ ހޭދަކުރަންޖެހޭކަމަށެވެ.
"ސިޔާސީ ކަންކަމުގައާއި ވިޔަފާރީގަ އުޅެމުން މިހިސާބަށް ދެވުނީތީ ވަރަށް އުފާވެ،" އުމަރު ވިދާޅުވިއެވެ.
އުމަރުގެ އިތުރުން ޕީޕީއެމްގެ ރިޔާސި ޕަރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ޔާމީން އަދުލް ގައްޔޫމް ވެސް ވާދަކުރައްވާނެ ކަމަށް ބެލެވެއެވެ.
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަށް ވާދަކުރުމުގެ ފުރުސަތު ބޮޑު: އުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ