ރިޔާސީ އިންތިހާބަށް އެމްޑީޕީ ނުކުންނަނީ ތަޖުރިބާއާއެކު: ނަޝީދު

ރިޔާސީ އިންތިހާބަށް އެމްޑީޕީ ނުކުންނަނީ ތަޖުރިބާއާއެކު ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރޭ ރ. މަޑުއްވަރީގައި ބޭއްވި އެ ޕާޓީގައި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރެޓިކް ނިޒާމުގައި ސަރުކާރު ހިންގުމުގެ ތަޖްރިބާ އެމްޑީޕީ ފިޔަވާ ރާއްޖޭގައި އެހެން އެއްވެސް ޕާޓީއެއްގެ ކިބައިގައި ނޯންނާނެ ކަމަށާއި ރައީސް މައުމޫނު 30 އަހަރު ވަންދެން ސަރުކާރު ހިންގެވީ ހުދުމުޙްތާރު ވެރިކަމެއްގެ ގޮތުގައި ކަމަށެވެ.
"ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތް. ފާޑު ކިއުމަށް ޖާގައެއް ނެތް. އަދި މައުމޫނުގެ ވެރިކަމުގެ ދުވަސްވަރުގައި ރައްޔިތުންގެ ވޯޓް އަބަދުވެސް ގެންދެވީ އޮޅުވާލަމުން. އަދި މިއަދު [ރައީސް] ޑރ، [މުހައްމަދު] ވަހީދު ހަސަން މަނިކު ހިންގަވާ ސަރުކާރަކީ ބަޣާވާތުގެ ސަރުކާރެއް. އެއީ ޑިމޮކްރެޓިކް ސަރުކާރެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް ވިދާޅުވީ އެމްޑީޕީން ރައްޔިތުންނަށް ހުށައަޅަނީ ކަންކަން ކުރެވޭނެ ސިޔާސަތު ތަކެއް ކަމަށާއި އެއީ ރާއްޖެ ތަރައްގީގެ މަގުގައި ދާނެ ސިޔާސަތު ތަކެއް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެދެނީ ތަރައްގީ ކަމަށާއި އެއީ ބޯހިޔާވަހި ކަމަށާއި ބޭސްފަރުވާ ކުރެވޭނެ ގޮތެއް ކަމަށާއި ރައްޔިތުން އެދެނީ ސަލާންޖަހަން ނުޖެހުން ކަމަށެވެ.
"އަޅުގަނޑުމެންގެ ކޮންމެ ރައްޔިތަކުވެސް އެދެނީ ތިމަންނާއަކީ ތިމަންނާގެ ހަލާލު މަސައްކަތުން މަސައްކަތް ކޮށްގެން ތިމަންނާއި ތިމަންނާގެ އާއިލާ ބަލަހައްޓަމުން ގެންދާ ބައެއް ކަމުގައި ޝަރަފްވެރިކަމާއެކު ބުނެވޭނެ ދުވަސް ހޯދުމަށް، އަޅުގަނޑުމެން ކޮންމެ މީހަކުވެސް އެދެނީ ވަޒީފާގެ ފުރުޞަތުކަމަށާއި އާމްދަނީ ލިބުމަށް،" ރައީ ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުން ތަކެއް ފަގީރުކަންމަތީ ތިބިހާ ހިނދަކު ގައުމު ތަރައްގީ ނުވާނެ ކަމަށާއި 2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ އެމްޑީޕީ ހަވާލުވި އިރު ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ރައްޔިތުންނަކީ އދ. ބުނާ ހައިހޫނު ކަމުގެ މިންގަނޑުން ތިރީގައި ތިބި ރައްޔިތުން ކަމަށެވެ. އެމްޑީޕީގެ އަމާޒަކަށްވީ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދާދިނުން ކަމަށާއި އިޖްތިމާޢީ ރައްކާތެރި ކަމުގެ އަގުވެސް 2009 ވަނަ އަހަރުވެސް ދޮޅު ބިލިއަން ރުފިޔާއަށް އަރާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ