ބައެއް ފަރާތްތަކުން ޕީޕީއެމްއަށް ފާޑު ކިޔާ ތަފާތު ތުހުމަތުތައް އަޅުވަމުންދަނީ ޕީޕީއެމް ބަލިކަށިކޮށް އަދި ޕާޓީގެ ރިޔާސީ ޓިކެޓަށް ރައްޔިތުން ކުރަމުންގެންދާ ތާއީދު ކުޑަކުރުމަށް ކަމަށް ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިއަދު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމްއަށް އަމާޒުކޮށް ދައްކަމުންގެންދަނީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށާއި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިންއާއި، އޭނާގެ ރަނިންމޭޓް ޑރ. މުޙައްމަދު ޖަމީލް އަޙްމަދަކީ އެ ދެބޭފުޅުންގެ ސިޔާސީ ހަޔާތުގައި މިވީހާތަނަށް ރައްޔިތުންނަށް އިޚްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ދެ ބޭފުޅުން ކަމަށެވެ.
މައުމޫން ނެރުއްވި ތިން ސޮފްހާގެ ބަޔާނުގައި އެމަނިކުފާނު ވަނީ ޕީޕީއެމްގެ މައިގަނޑު މަގްސަދުތަކާއި އަސާސްތަކާއި އުސޫލުތައް ހާމަކޮށްދެއްވާފައެވެ.
އެގޮތުން ރައީސް މައުމޫން ވިދާޅުވީ ޕީޕިއެމްގެ މައިގަނޑު މަގްސަދުތަކާއި އަސާސްތަކާއި އުސޫލުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދެމެހެއްޓުމާއި ބައިނަލްއަގުވާމީ އަދި އިސްލާމީ މުޖުތަމައުގައި ދިވެހިންނަށް ހައްޤު ގަދަރާއި މަގުބޫލުކަން ހޯދާދިނުމާއި ދިވެހިންނާއި އަންނަނިވި ޖީލުތަކުގެ ދިވެހިންނަށްޓަކައި އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާސަދަތު ވަރުގަދަކުރުމާއި މިއިން ކަމަކަށް އުނިކަމެއް އަތުވެދާފަދަ އެންމެހާ ކަންކަމުން ރާއްޖެ ސަލާމަތްކުރުމެވެ.
ރާއްޖެއަށް ބޭނުންވާ ކުރިއަރުވަނިވި އިސްލާހުތައް ރައްޔިތުންގެ ބައިވެރިވުމާއެކު ވެރިކަމުގެ ތެރެއިން ހޯދައިދިނުމާއި، ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޑިމޮކްރަސީގެ ހަރުދަނާ އުސޫލުތަކާއި ހަމަތައް ގައުމުގައި އަށަގެންނެވުމާއި ރާއްޖޭގެ މުއްސަނދިކަމުގެ ވަސީލަތްތައް ދިވެހިންގެ އަތްމަތީގައި ދަމަހައްޓައި، އިގްތިސޯދީ ގޮތުން ދިވެހި ރައްޔިތުން އިތުރަށް ފުދުންތެރި ކުރުވައި، ރާއްޖޭގެ ތަޢްލީމާއި ސިއްހަތާއި އެހެނިހެން އިޖްތިމާއީ ހިދުމަތްތައް ޒަމާނީކޮށް ފުޅާކޮށް އަދި އާ ހިދުމަތްތައް ތައާރަފްކުރުންވެސް ޕީޕީއެމްގެ މައިގަނޑު މަގްސަދުތަކާއި އަސާސްތަކާއި އުސޫލުތަކުގެ ތެރޭގައި ހިމެނޭ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ވަރުގަދަކޮށް، ރާއްޖޭގެ ކަންކޮޅުތަކުގައި ސުލްހަވެރި އަމާން ވެއްޓެއް ޤާއިމް ކުރުމާއި، ހުރިހާ ރޮނގަކުންވެސް ލޮބުވެތި ދިވެހި ރައްޔިތުންނަށް ފުދުންތެރި އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދައިދެވޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަކީވެސް ޕީޕީއެމްގެ މަގްސަދުތަކާއި އަސާސްތަކާއި އުސޫލުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށްވެސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
“ޕީޕީއެމް އުފެދުނީވެސް އަދި ދެމިއޮންނާނީވެސް އިސްވެ ދެންނެވުނު މަތިވެރި މަގްސަދުތައް ހާސިލުކުރުމަށްޓަކައިކަން ޕީޕީއެމްގެ އެންމެހާ ލޮބުވަތި މެންބަރުންނަށާއި މިޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުންނަށާއި އަދި ގައުމީ ޝަޚްސިއްޔަތު، ގައުމީ މަސްލަހަތު އަދި ގައުމުގެ ތަރައްގީ އިސްކުރައްވާ އެންމެހާ ފަރާތްތަކަށް އަޅުގަނޑު ޔަޤީންކޮށް އަރުވަމެވެ” މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ބަޔާން ނިންމަވާލައްވަމުން ޕީޕީއެމްގެ އުސޫލުތަކާއި މަޤުސަދުތައް ދެމެހެއްޓުމަށްޓަކައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެޕާޓީން ނިކުންނަވާ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމަށާއި އެމަނިކުފާނުގެ ރަނިންމޭޓް ޑޮކްޓަރ މުޙައްމަދު ޖަމީލް އހްމަދަށް ވޯޓް ދެއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.
ޕީޕީއެމަށް ފާޑުކިޔަނީ ތާއީދު ކުޑަކުރަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ