މަޖިލީހާއި މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ވޯޓެއް ނަގަނީ

މަޖިލީހާއި މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް މުޅި ރާއްޖޭގައި ވޯޓެއް ނެގުމަށް ތައްޔާރުވަމުންދާ ކަމަށް ގައުމީ ހަރަކާތުން ބުނެފިއެވެ.
ގައުމީ ހަރަކާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަބުދުﷲ މުހައްމަދު ވިދާޅުވީ މަޖިލީހައި މެދު ރައްޔިތުން ދެކޭ ގޮތް ބަލަން ޖެހިފައިވާ ކަމަށާއި އެފަދަ ވޯޓެއް އަންނަ މަހުގެ 25 ވަނަ ދުވަހު ނެގުމަށް ހަރަކާތުން ތައްޔާރުވަމުންދާ ކަމަށެވެ.
ވޯޓު ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ރާއްޖޭގައި މިހާރު ކަނޑައެޅިފައިވާ އިންތިހާބީ ދާއިރާތައް ވަކިވަކިން ކޮންމެ ދާއިރާއެއްގައި ވެސް ވޯޓުލުން ބާއްވައިގެން ކަމަށް އަބްދުﷲ ވިދާޅުވިއެވެ.
"އިރާދަ ކުރެއްވިއްޔާ ރަށްރަށުގަ އިންތިހާބި ކޮމެޓީތައްވެސް އަޅުގަނޑުމެން ހަދާނަން. އަދި އަޅުގަނޑުމެން އަތޮޅުގެ، ދާއިރާތަކުގަވެސް އިންތިހާބީ ކޮމެޓީތައް ހަދާ އަޅުގަނޑުމެންގެ މަންދޫބުން ހަރަކާތްތެރިވާނެ. ﷲ އިރާދަ ކުރެއްވިއްޔާ އެކަމަށް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން މިހާރު މި ގެންދަނީ ކުރަމުން. އެންމެ ހަރަދު ކުޑަކޮށް، އެންމެ ނަމޫނާ މިފަދަ ބޮޑު އިންތިހާބެއް ބާއްވާ ބަޔަކަށް ވާނެ އަޅުގަނޑުމެންގެ ގައުމީ ހަރަކާތް،" އަބްދުﷲ ވިދާޅުވިއެވެ.
އަބްދުﷲ ވިދާޅުވީ މި އިންތިހާބުގެ ކަންކަން ރާވައި ހިންގުމާއި ބެހޭގޮތުން މިރޭ ގައުމީ ހަރަކާތުގެ ފަރާތުން އާޓިފިޝަލް ބީޗުގައި ބާއްވާ "މަޖިލީސް ސައްލާގައި" މަޝްވަރާ ކުރެވި އާންމުންގެ ހިޔާލު ހޯދާނެ ކަމަށެވެ.
"އަޅުގަނޑުމެން ބަލަނީއަކި މުޅި ރައްޔިތުން، އަދި އަގުލަބިއްޔަތު ރައްޔިތުން ކިހިނެއްތޯ މިކަމުގަ ތިބީ. މިކަމުގަ ބައިވެރިވާ އަދި މި ވޯޓުގަ ބައިވެރިވަނީ ކިތަންމެ މަދު މީސްކޮޅެއް ކަމުގައި ވީނަމަވެސް އަދި ކިތަންމެ ބައިވަރު ބޭފުޅުންނެއް ކަމުގައި ވީނަމަވެސް އެ ނިންމާ ނިންމުން އަޅުގަނޑުމެންނަށް އެނގޭނެ ރައްޔިތުން މަޖިލީހާއި މެދު ރައްޔިތުން ދެކޭ ގޮތް،" އަބްދުﷲ ވިދާޅުވިއެވެ.
މި އިންތިހާބަށްޓަކައި ގައުމީ ހަރަކާތުގެ ފަރާތުން ކެންޕޭންވެސް ކުރައްވާނެ ކަމަށް އަބްދުﷲ ވިދާޅުވިއެވެ. އަދި މި އިންތިހާބުގެ އިތުރުންވެސް ތަފާތު ހަރަކާތްތައް މާލޭގެ އިތުރުން އެހެނިހެން ރަށްރަށުގައި ކުރިއަށް ގެންދެވޭތޯ ގައުމީ ހަރަކާތުން މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް އަބްދުﷲ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ