ރިޔާސީ ޤަރާރަކުން މިސްރުގެ ޤާނޫނު ހަދާ މަޖިލީހުގެ ބާރުތައް އިއާދަކޮށްފި

މިސްރުގެ އެންމެ މަތީ ކޯޓުން އުވާލާފައިވާ އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ބާރުތައް އަލުން އިއާދަ ކުރުމުގެ ރިޔާސީ ޤަރާރެއް މިސްރުގެ ފުރަތަމަ މަދަނީ ރައީސް ޑރ.މުޙައްމަދު މުރުސީ މިއަދު ނެރުއްވައިފިއެވެ.
ނިމިގެން ދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު ކޯޓުން އުވާލާފައިވާ މިސްރުގެ ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދާފައިވަނީ ޑރ.މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ ބުރަދަރހުޑްގެ ކެންޑިޑޭޓުންނެވެ.
ޑރ.މުރުސީ ނެރުއްވި ރިޔާސީ ޤަރާރުގައި ބުނެފައިވަނީ މިސްރުގެ ކޯޓުން އުވާލާފައިވާ ޤާނޫނު ހަދާ މަޖިލީހުގެ ބާރުތައް އަލުން އިއާދަކުރެވިފައިވާތީ ޤާނޫނު ހަދާ މަޖިލީހުގެ ޒިންމާ އަދާ ކުރުމުގެ މަސައްކަތް ފެށުމަށް މެންބަރުންނަށް ގޮވާލާ ކަމަށެވެ.
މިސްރުގެ އެންމެ މަތީ ކޯޓުން އެޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އުވާލާފައިވަނީ ޤާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި މަކަރު ހެދުމާއި އިންތިހާބީ އުސޫލު ތަކާއި ޚިލާފަށް ކަންތައްތަކެއް ކޮށްފައިވާކަން ސާބިތުވުމާއި ގުޅިގެންނެވެ.
ނަމަވެސް ކޯޓުގެ މިނިންމުމާއި ދެކޮޅަށް ޑރ.މުރުސީގެ ބުރަދަރހުޑުން ވަރުގަދަ މުޒާހަރާ ތަކެއް ކޮށްފައިވާއިރު، މިސްރުގެ ރިޔާސީ އިންތިހާބުގެ ކާމިޔާބަށްފަހު ޑރ.މުރުސީ ވަނީ ކޯޓުން އުވާލާފައިވާ ޤާނޫނު ހަދާ މަޖިލީހުގެ ބާރުތައް އިއާދަ ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ޑރ.މުރުސީ މިސްރުގެ ފުރަތަމަ މަދަނީ ރައީސްގެ ގޮތުގައި މަޤާމާއި ހަވާލުވެވަޑައިގަތުމާއިއެކު މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު މިސްރުގެ ނުފޫޒު ގަދަ އަސްކަރިއްޔާއިން ވަނީ އެމީހުން ކޮންޓްރޯލް ކުރަމުން ދިޔަ ބާރުތައް ޑރ.މުރުސީއާއި ހަވާލުކޮށްފައެވެ. ނަމަވެސް އޭގެ ކުރިން މިސްރުގެ އަސްކަރިއްޔާއިން ވަނީ ޤާނޫނީ ގޮތުން ބައެއް ކަހަލަ ބާރުތައް އަސްކަރީ ކައުންސިލްގެ ވެރިޔާއަށް ލިބޭ ފަދަ ޤަރާރެއް އެމީހުން އަމިއްލައަށް ނެރެފައެވެ. އެގޮތުން މިސްރުގެ އާ ޤާނޫނު އަސާސީ އެކުލަވާލުމަށް އަސްކަރީ ކައުންސިލެއް ނެގުމަށްފަހު އެކައުންސިލުން ޤާނޫނު އަސާސީ އެކުލަވާލުމަށް އެޤަރާރުގައި ވަނީ އަމުރުކޮށްފައެވެ.
ނަމަވެސް ޑރ.މުރުސީ މިއަދު ނެރުއްވި ރިޔާސީ ޤަރާރުގައި ބުނެފައިވަނީ ޤާނޫނު އަސާސީ އެކުލަވާލާނީ ބާރުތައް އިއާދަ ކުރެވުނު މަޖިލީހުން ކަމަށާ، ޤާނޫނު އަސާސީ އެކުލަވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ޤާނޫނު އަސާސީއާއި މެދު ގޮތެއް ނިންމުމަށްފަހު 60 ދުވަހުގެ ތެރޭގައި އާ އިންތިހާބެއް ބާއްވަންދެން ބާރުތައް އިއާދަ ކުރެވުނު ޤާނޫނު ހަދާ މަޖިލިސް ދެމިއޮންނާނެ ކަމަށެވެ.
ޑރ.މުރުސީ ނެރުއްވި ރިޔާސީ ޤަރާރާއި ގުޅިގެން އެޤައުމުގެ އަސްކަރީ ކައުންސިލުން ކުއްލި ބައްދަލުވުމެއް ބާއްވާ އެޤަރާރާއި މެދު މަޝްވަރާ ކުރައްވާފައިވާ ކަމަށް މިސްރުގެ ޤައުމީ ނިއުސް އެޖެންސީން މިއަދު ވަނީ ބުނެފައެވެ. ޑރ.މުރުސީ ނެރުއްވި ޤަރާރާއި ގުޅިގެން ސަރުކާރާއި އަސްކަރިއްޔާއާއި ދެމެދު ބާރުތައް ހިއްސާކުރުމުގެ މައްސަލައިގައި ބޮޑެތި ކޯޅުންތަކެއް ހިގުމުގެ ފުރުސަތު ބޮޑު ކަމަށް ތަޖުރިބާކާރުން ގެންދަނީ ބުނަމުންނެވެ. އަދި ޑރ.މުރުސީ މިއަދު ނެރުއްވި ޤަރާރަކީ މަޤާމުގެ ހައިސިއްޔަތުން މުރުސީއަށް ނެރުއްވިދާނެ ޤަރާރެއްތޯ އެހާ ބޮޑަށް ސާފުވެފައި ނުވާ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ