ސަރުކާރުގެ ދެވަޒީރަކު ޑީއާރުޕީގެ ކައުންސިލު މެމްބަރު ކަމަށް ވާދަ ކުރައްވަނީ

ސަރުކާރުގެ ދެވަޒީރަކު ޑީއާރުޕީގެ ކައުންސިލު މެމްބަރު ކަމަށް ކުރިމަތިލައްވައިފިއެވެ.
މިއަދު ފެށުމަށް ހަމަޖެހިފައިވާ ޑީއާރުޕީ ކޮންގްރެސްގައި ކައުންސިލު މެމްބަރު ކަމަށް ވާދަ ކުރައްވަނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއުއާއި އެޑިއުކޭޝަން މިނިސްޓަރު ޑރ.އާސިމު އަހުމަދެވެ. މިދެބޭފުޅުންނާއި އެކު ކައުންސިލަށް އިތުރު ނުވަ ބޭފުޅަކު ވާދަ ކުރައްވައެވެ. އޭގެތެރޭގައި ހޯމް މިނިސްޓްރީގެ ނައިބު މުހައްމަދު ސަލީމާއި އެމްޕީއެލްގެ ޗެއާރމަން އަހުމަދު ނިޒާމާއި ޑރ.ހާމިދު ރަޝީދާއި، އަބުދުﷲ ނަސީރު މުހައްމަދާއި ކުރީގެ ފިލްމީ ތަރި އަސްއަދު ޝަރީފާއި މުހައްމަދު ފާއިޒާއި އަބުދުﷲ ޝިޔާޒެވެ.
ފިޝަރީޒް މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު ގެންދަވަނީ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ކަމަށް ވާދަ ކުރައްވަމުންނެވެ. އަހުމަދު މުހައްމަދާއި އެކު އެމަގާމަށް ވާދަ ކުރައްވަނީ ވިލިގިލީ ދާއިރާގެ މެމްބަރު މުހައްމަދު ރާމިޒާއި މެދު ހެންވޭރު ދައިރާގެ މެމްބަރު އަލީ އާޒިމާއި ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ކުރީގެ މީޑިއާ ކޯޑިނޭޓަރު އަދި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަލީ ސޯލިހެވެ.
މިއަދު މެންދުރުފަހު ދަރުބާރުގޭގައި ފެށުމަށް ހަމަޖެހިފައިވާ އެޕާޓީގެ ކޮންގްރެސްގައި 700 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށް އެޕާޓީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ