ގައުމީ ހަރަކާތުން މަޖިލީހާއި ދެކޮޅަށް މިހާރު ހިންގަމުން ގެންދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އުމަރު ނަސީރަށް ދައުވަތުދީފިއެވެ.
އެހަރަކާތާއި އަލުން ގުޅިވަޑައިގެންނެވުމަށް އުމަރަށް ދައުވަތުދީފައިވަނީ ރޭ އާތިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އެހަރަކާތުގައި އެންމެ އިސްކޮށް އުޅުއްވާ އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާނު އަބުދުﷲއެވެ. އިމްރާނު ވިދާޅުވީ ގައުމީ ހަރަކާތުގެ ޕޯޑިއަމުގައި މީގެ ކުރިން ވާހަކަ ދެއްކެވި ސިޔާސީ ލީޑަރުންނާއި ބޭބޭފުޅުން މަދުވި ނަމަވެސް ގައުމުގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އެހެންކަމުން އޭރުވެސް ގައުމީ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވި ލީޑަރެއް ކަމުގައިވާ އުމަރު ނަސީރަށް އެހަރަކާތުގައި ބައިވެރިވެވަޑައިގެންދެއްވުމަށް އިމްރާން ރޭގެ ޖަލްސާގައި ގޮވާލައްވާފައިވެއެވެ. އަދި އުމަރު ނަސީރުއާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
ގައުމީ ހަރަކާތުން އުމަރު ނަސީރަށް ދައުވަތުދީފައިވާ އިރު ޕީޕީއެމްގެ ޕްރައިމަރީ ކުރިއަށް ދިޔަ އިރު ވެސް އެހަރަކާތުން އުމަރަށް ތާއިދުކޮށްފައިވެއެވެ. އެގޮތުން ގައުމީ ހަރަކާތުގެ އިސް ބޭފުޅެއް ކަމަށްވާ އަބުދުﷲ މުހައްމަދުވަނީ އުމަރުގެ ކެމްޕޭން ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންފައެވެ.
ޕީޕީއެމްގެ ޕްރައިމަރީ ނާކާމިޔާބުވެވަޑައިގެންނެވި އިރު އުމަރުވަނީ ޕްރައިމަރީގައި އޮޅުވާލާ މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި ޕްރައިމަރީ ކާމިޔާބު ކުރެއްވި އަބުދުﷲ ޔާމީނަށް ވެސް އުމަރު ފާޑު ވިދާޅުވެފައިވެއެވެ. އެމައްސަލާގައި މައާފަށް އެދުމަށް އުމަރަށްވަނީ އަންގާފައެވެ. އަދި މައާފަށް ނޭދިއްޖެ ނަމަ އޭނާއާއި މެދު ފިޔަވަޅު އަޅާށނެ ކަމަށް އެޕާޓީންވަނީ ބުނެފައެވެ.
ގައުމީ ހަރަކާތުގައި އުމަރު ނަސީރު ބައިވެރިވުމަށް ދައުވަތުދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ