އެމްޑީޕީން އަބަދުވެސް ބޭރުގެ ޖަމާއަތްތަކުން ފައިސާ ހޯދާ: ޝާހު

އެމްޑީޕީއަކީ އަބަދުވެސް ބޭރުގެ ބައެއް ޖަމާއަތްތަކުން ފައިސާ ހޯދާ ޕާޓީއެއް ކަމަށާއި ކެންޕޭންތަކަށް އެމްޑީޕީން ފައިސާ ހޯދާ ގޮތް ބެލުމަކީ އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭނެ ކަމެއް ކަމަށް ޖޭޕީގެ ސެކެޓްރީ ޖެނެރަލް ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.
ކުރިން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު ހަމްޒާގެ ކޮއްކޮ، ޝާހު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހަރަދު ކުރަން އެމްޑީޕީގައި ފައިސާހުރި ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވާތީ ބަޔަކު ހައިރާންވި ނަމަވެސް އޭނާ ހައިރާންވެ ވަޑައި ނުގަންނަވާ ކަމަށެވެ.
"އެމްޑީޕީއަކީ އަބަދުވެސް އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ އިސް ފަރާތްތަކުން ފަންޑުކުރަމުން ގެންދާ ޕާޓީއެއް. ކޮންޒަވޭޓުންގެ މަސައްކަތަކީ ކޮބައިކަން ދިވެހި ރައްޔިތުންނަށް އޮޅިފައެއް ނޯންނާނެ،" ޝާހު ވިދާޅުވި އެވެ. "އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި ގާއިމް ކުރެވުނު ހިސާބުން ކޮންޒަވޭޓިވް ޕާޓީގެ ނުފޫޒް ދިވެހި ދައުލަތުގެ މައްޗަށް އޮތް މިންވަރު ހާމަވެގެންދިޔަ. ދިވެހިން ބޭނުންނުވާ ކިތަންމެ ކަމަކަށް ސަރުކާރުން އޭރު ހަރަދު ކުރަމުންދިޔައީ ފައިސާގެ ނުފޫޒުން ކަމަށްވުމީ ގާތްކަމެއް،"
ޝާހު ވިދާޅުވީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހަރަކާތްތެރިވަނީ ދިވެހި ދައުލަތާއި ގައުމުގެ ދިފާއުގައި ކަމަށާ ސިޔާސީ ޕާޓީތަކަކީ އެހެން ގައުމުތަކުގެ ދަށުވާ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫންގައި ޕާޓީތަކުން ފައިސާ ހަރަދުކުރާ ގޮތާއި ފައިސޯ ހޯދާގޮތް ސާފުކޮށް އެނގެންޖެހޭ ކަމަށް ބަޔާން ކޮށްފައިވަނީ އެ ސަބަބުތަކަށްޓަކައި ކަމަށާއި އެމްޑީޕީ ނޫނަސް ހުރިހާ ޕާޓީތަކަކުން ވެސް ފައިސާ ހޯދައި ހަރަދު ކުރަމުން ގެންދާ ގޮތް ބަލަންޖެހޭނެ ކަމަށް ޝާހް ވިދާޅުވި އެވެ.
"އެ ޒިންމާއަކީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް، އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއް. އެ ކޮމިޝަނުން އުފުލަންޖެހޭނެ،" ޝާހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ