ޔޫރަޕުގެ 21 އަހަރުން ދަށުގެ ޗެމްޕިއަންކަން ސްވިޑަން ހޯދައިފި

ޕްރާގް، ޗެކް ރިޕަބްލިކް (ޖޫން 30) – ސްވިޑަންގެ ގޯލްކީޕަރު ޕެޓްރިކް ކާލްގްރެން މަތަކުރި ދެ ޕެނަލްޓީއާ އެކު، 4-3 އިން ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް ބަލިކޮށް 21 އަހަރުން ދަށުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ސްވިޑަން ރޭ ކާމިޔާބުކޮށްފި އެވެ. ޗެކް ރިޕަބްލިކުގައި ކުރިއަށްދިޔަ މުބާރާތުގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ނިމުނުއިރު ދެ ޓީމު އޮތީ 0-0 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި ސްވިޑަންގެ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއިރު ޕޯޗުގަލްގެ ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ސްވިޑަން ކީޕަރު މަތަކުރި އެވެ. ސްވިޑަން އިން ފުރަތަމަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރިއިރު ކީޕަރު ކާލްގްރެން ބުނީ މިއީ ބުނެދޭން ނޭނގޭ ވަރުގެ އުފަލެއް ކަމަށާއި މިއީ ސްވިޑަންގެ ތާރީހުގައި ވެސް ރަން އަކުރުން ލިޔެވޭނެ ކާމިޔާބެއް ކަމަށެވެ. ޕޯޗުގަލް އިން 1994 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް 21 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލުގައި ކުޅުނުއިރު އެ ޓީމުން ވަނީ ގިނަ ހަމަލާތައް އުފައްދައި ލަނޑު ޖެހުމާ ގާތަށް ގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ