ކުރީގެ މެމްބަރު ނާޒިމްގެ ބޭސް ފަރުވާގެ މުއްދަތު އިތުރު ކުރަން އަނެއްކާވެސް ހުށަހަޅައިފި

މަކަރާއި ހީލަތުގެ މައްސަލަ ސާބިތުވެ 25 އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ރާއްޖޭން ބޭރުގައި ބޭސްފަރުވާ ކުރަން އިތުރު މުއްދަތެއް ދޭން އަނެއްކާވެސް ހުށަހަޅުއްވައިފި އެވެ. ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މޫސާ ރަމީޒު "ހަވީރަ" ށް ވިދާޅުވީ މިދިއަ ހަފުތާގައި އޭނާގެ ފަރާތުން ހުށަހެޅުއްވި ހުށަހެޅުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ވަކި ގޮތެއް ނިންމާނީ އަންނަ އަންގާރަ ދުވަހު ބާއްވާ މެޑިކަލް ބޯޑުގެ ބައްދަލުވުމުގަ އެވެ. ނާޒިމް ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ ޑިސެމްބަރު 10ގަ އެވެ. އެ ފަހަރު އޭނާ އަށް ކަރެކްޝަނަލް ސާވިސް އިން ދިނީ ދެ ހަފުތާގެ މުއްދަތެކެވެ. އޭގެ ފަހުން ތިން ފަހަރެއްގެ މަތިން ވަނީ މުއްދަތު އިތުރު ކޮށްދީފަ އެވެ. އޭނާއަށް އެންމެ ފަހުން ދިން މުއްދަތު ހަމަވާނީ މި މަހުގެ 30 އަށެވެ. ނާޒިމަކީ ވަރަށް ކުރިއްސުރެ ފެށިގެން މައިބަދައިގެ މައްސަލަ ހުންނަ އަދި މައިބަދައިގެ ދެ އޮޕަރޭޝަނެއް ކުރައްވާފައިވާ ބޭފުޅެކެވެ. ސިންގަޕޫރަށް ވަޑައިގަތުމުގެ ކުރިން އައިޖީއެމްއެޗްގައި ވެސް އޭނާ ވަނީ މައިބަދައިގެ އޮޕަޝަނެއް ކުރައްވައިފަ އެވެ. ސުޕްރީމް ކޯޓުން ނާޒިމްގެ މައްޗަށް 25 އަހަރުގެ ހުކުމެއް ކުރީ ކުރީގެ އެޓޮލްސް މިނިސްޓްރީން 15،000 ދިދަ ގަތުމަށް ޑިސެމްބަރު 31، 2003 ގައި ކުރި އިއުލާނަކާ ގުޅިގެން، އޭނާ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން، އޮޅުވާލައިގެން ބިޑް ކާމިޔާބުކުރި ކަމުގެ ކުށުގަ އެވެ. އެ މުއާމަލާތުގެ އަގު ކަމަށް ވާ 1.4 މިލިއަން ރުފިޔާ އަކީ ނިވާފަތްގަނޑަކަށް ކުންފުނި ބޭނުންކޮށްގެން މަކަރާއި ހީލަތުން ނާޒިމް ހޯއްދެވި އެއްޗެއްކަން ހެކިންގެ ހެކިބަހުންނާއި ކިތާބީ ހެކިތަކުން ސާފުކޮށް ފެންނަ ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ބެއްލެވި މައްސަލައިގެ ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ