ހުމާމްގެ މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފަށައިފި

މަޝްހޫރު ދީނީ އިލްމު ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމުގެ ކުށް ސާބިތުވެ މެރުމަށް ހުކުމް ކޮށްފައިވާ ހުސައިން ހުމާމްގެ މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފަށައިފިއެވެ.
ހުމާމުގެ މަރުގެ ހުކުމް ސުޕްރީމް ކޯޓުގައި އިލްތިމާސްކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުށް ސާބިތުވެ ހުމާމަށް މަރުގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުގެ މި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް ވަނީ އެ ހުކުމަށް ތާއިދުކޮށް ހުމާމް މެރުމަށް ހުކުމް ކޮށްފައެވެ.
އަޑުއެހުމަށް ހުމާމް މިއަދު ސުޕްރީމް ކޯޓަށް ހާޒިރުކުރިއިރު، މިއަދު އޮތީ ދެ ފަރާތުގެ ވެސް މައްސަލައާއި ގުޅޭ ލިޔެކިއުންތައް ބަދަލުކުރުމެވެ.
ޕީޖީ އޮފީހުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރީ ހައިކޯޓުން ނިންމާ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އޮންނަ މުއްދަތުގައި ހުމާމްގެ ފަރާތުން އެ މައްސަލަ ހުށަހަޅާފައިނުވާތީއެވެ.
ޕީޖީއިން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ހުމާމުގެ މަރުގެ ހުކުމަކީ ސައްޙަ ހުކުމެއް ކަން ކަށަވަރުކޮށްދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ