މަޖިލިސްކުރާގެއިން ދުންއެރީ ކަރަންޓް ނަރުތަކަށް ދިމާވި މައްސަލައަކުން

ރައްޔިތުންގެ މަޖިލިސްކުރާ ގޭގެ މަޖިލިސްކުރާ ޗޭމްބަރުން ދުން އެރީ އެތަނުގެ ސީލިންގ މަތީގައި ހުރި ކަރަންޓް ނަރުތަކަށް ދިމާވި މައްސަލައަކުންނެވެ.
މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖަރ އަދްނާން މުޙައްމަދު ވިދާޅުވީ އެތަނުން ދުން އަރާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔޫ ޓީމުން ވަނީ އެތަނުގައި ހަރަކާތްތެރިވެފައިކަމަށާއި އަދި މިހައިތަނަށް ބެލި ބެލުމުން ކަރަންޓް ނަރަށް ނޫން އެއްވެސް ތަނަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިނުވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ މިހައިތަނަށް ބެލިބެލުމުން އެނގިފައިވަނީ އެތަނުން ދުން އަރަން މެދުވެރިވީ ކަރަންޓް ޝޯޓެއްވެގެން ކަމަށެވެ.
އެމްއެންޑީއެފްގެ ޓީމުން މިހާރުވެސް ގެންދަނީ މަޖިލިސްކުރާ ގޭގައި ހަރަކާތްތެރިވަމުންނެވެ. މަޖިލީހުގެ އިދާރާއަކީ އެމްއެންޑީއެފުން ސެކިޔުރިޓީ ބަލަހައްޓާ ތަނެކެވެ.
ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހަކީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ދުވަސްކަމަށްވާއިރު މިހާދިސާ ހިނގުމުން އެއީ އެތަނުގައި އެއްޗެއް ގޮއްވައިލުމުން ހިނގި ހާދިސާއެއްކަމަށް ދޭހަވާގޮތަށް ބައެއް މީޑިއާތަކުން ވަނީ ޚަބަރު ތަކުރާރުކޮށް ހާމަކޮށްފައިކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ