އެންއައިސީގެ މެމްބަރު ކަމަށް ޖިހާދު އައްޔަންކުރަން ފާސްކޮށްފި
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މެމްބަރުކަމަށް ކާނަލް (ރޓޑ) އަހްމަދު ޖިހާދު، ވ. ދިވެތި އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ޖިހާދުގެ ނަން މަޖިލީހުން ފާސްކުރީ 78 މެމްބަރުންގެ ވޯޓުންނެވެ. އެންއައިސީއަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަން ލިސްޓުގައި އިސްކަން ދެއްވާފައި ވަނީ ޖޭއެސްސީގެ ކުރީގެ މެމްބަރު ޝުއައިބު އަބްދުއްރަހުމާނެވެ. އަދި ނަންތައް ދިރާސާކުރުމަށްފަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވެސް ނަންތައް މަޖިލީހުގެ ތަޅުމަށް ފޮނުވީ ރައީސް އިސްކަން ދެއްވާފައިވާ ތަރުތީބަށް ބަދަލެއް ނުގެނެއެވެ. އެހެން ނަމަވެސް މިއަދު މަޖިލީހުގައި ވޯޓަށް އެހިއިރު، ޝުއައިބު އެންއައިސީގެ މެމްބަރު ކަމަށް އައްޔަން ކުރަން ވޯޓު ދެއްވީ އަށް މެމްބަރުންނެވެ. ނުފެންނަ ކަމަށް 62 މެމްބަރުން ދެއްވި އިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރަކު ތިއްބެވިއެވެ. އެއާއެކު ލިސްޓުގެ ދެވަނައިގައި އޮތް ޖިހާދުގެ ނަމަށް ވަނީ ވޯޓަށް އަހައިފައެވެ. ޖިހާދަށް އަޣްލަބިއްޔަތު ލިބުމުން ލިސްޓުގެ ތިން ވަނައިގައި އޮތް ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު، އަށް ވޯޓަށް އަހައިފައެއް ނުވެއެވެ. ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލާން ދެ ފަހަރެއްގެ މަތިން ހުޅުވާލި އިރު، ކުރިމަތިލީ 26 ބޭފުޅެއްގެ ނަން ކޮމިޓީން ދިރާސާކޮށްފައި ތަޅުމަށް ހުށަހެޅިއެވެ. ނަމަވެސް އެ ރިޕޯޓު ކޮމިޓީއަށް އަނބުރާ ފޮނުވާލީއެވެ. އެންއައިސީގެ ގާނޫނު ބުނާ ގޮތުން ފަސް މެމްބަރުން ހިމެނޭ އެންއައިސީގެ މެމްބަރުންގެ ދައުރަކީ، ފަސް އަހަރެވެ. މިހާރު ކޮމިޝަންގައި ހިމެނޭ ހަތަރު މެމްބަރުންނަކީ، ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު ހަދީޖާ އަބްދުﷲ އަދި އަހުމަދު އަމީނެވެ. ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ