ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ކަމަށް ބުނެ ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ބޭއްވި ޖަލްސާގެ އެޖެންޑާ ބަދަލުކޮށް ނުދެވޭނެ ކަމަށް ބުނި ހިސާބުން އެއީ ސަރުކާރު ކޯލިޝަން ޖަލްސާއެއް ނޫން ކަން ހާމަވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީއަށް މަޖިލީސް އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް "ރައްޔިތުންނަށް ސާބަސް" މި ނަމުގައި ރޭ ތާޖުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ކޯލިޝަންގެ ޖަލްސާގެ ގޮތުގައި ސަރުކާރުގެ ފަރާތުން ބޭއްވި ޝުކުރުގެ ޖަލްސާ ޕްރޮމޯޓު ކުރަމުން ދިޔަ ނަމަވެސް، ޖުމްހޫރީ ޕާޓީއިން މެމްބަރެއް ވާހަކަ ދެއްކުމަށް އެޖެންޑާ ކުރެވިފައިނުވާ ކަމަށެވެ.
"އެ ޖަލްސާގައި ޕީޕީއެމްގެ ދެ ބޭފުޅުން ވާހަކަ ދެއްކުމަށް ފަހު ނިންމާލާ ގޮތަށް އޮތީމާ، އާޅުގަނޑުމެން ދެންނެވިން އެޖެންޑާ ބަދަލުކޮށް އަޅުގަނޑުމެންނަށް ފަސް މިނިޓު ވަރު ވެސް ދެއްވާށޭ ޝުކުރު ދަންނަވަން. އެކަމަކު ވެސް އަޅުގަނޑުމެންނަށް އެ ފުރުސަތު ވެސް ނުލިބުނު." ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ތިބީ ކުރިޔަށް ދާން. އެކަމަކު އަޅުގަނޑުމެން ދާނީ ވަކި ޕާޓީއެއް ވަކި މީހަކަށް ނިސްބަތްވާ ޤައުމެއްގެ ގޮތުގައި މި ޤާއުމު އޮންނާކަށެއް ނޫން. މި ޤައުމު އޮންނާނީ ދިވެހި ރައްޔިތުންގެ ޤައުމެއްގެ ގޮތުގައި. އަޅުގަނޑުމެން އެންމެންގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކުރާ، އެންމެންގެ ޤައުމެއްގެ ގޮތުގައި އޮންނާނީ." ގާސިމް ވިދާޅުވި އެވެ.
ނަމަވެެސް، ގާސިމް ވިދާޅުވީ މި ގައުމު އޮންނާނީ ވަކި ޕާޓީއެއް ނުވަތަ ވަކި މީހަކަށް ނިސްބަތްވާ ޤައުމެއްގެ ގޮތުގައެއް ނޫން ކަމަށެވެ.
މީގެ އިތުރުން، ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ސަރުކާރުން ލިބެން ޖެހޭ 35 ޕަސަންޓު ސިޔާސީ މަޤާމުތައް ލިބިފައި ނުވާ ނަމަ އެކަން ބަލަން ޖެހޭ ކަމަށާއި، އެ މިންވަރު ލިބިފައިވާ ނަމަ އެ ޕާޓީގެ މެމްބަރުން ތިބީ ވަރަށް އުފަލުން ކަމަށެވެ.
"ސަރުކާރުގައި ހުރި ޕޮލިޓިކަލް މަޤާމުތަކުގެ ތެރެއިން [ޖޭޕީއަށް ލިބިފައި ވަނީ] 35 ޕަސަންޓު ކަމުގައިވަަންޏާ އަޅުގަނޑުމެން މިތިބީ ވަރަށް އުފަލުން. އެ ނޫން ކަމަށް ވަންޏާ އަޅުގަނޑުމެން އެބަ ޖެހޭ ބަލާލަން." ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ކޮންގްރެސްއެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް މާމިގިލީ ދާއިރާގެ މެންބަރުކަމަށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ގާސިމް ރޭ ވަނީ ވިދާޅުވެފައެވެ.
ތާޖުއްދީން ސްކޫލުގައި ގިނަ އަދަދެއްގެ ބަޔަކާއިއެކު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ އެންމެ އަވަހަށް އޮންނަ ޕާޓީގެ ޤައުމީ މަޖިލީހުގައި ކޮންގްރެސްއެއް ބޭއްވުމަށް ހުށަހަޅުއްވާނެ ކަމަށެވެ.
"މިވާހަކަ ދަންނަވާލުމުގެ ބޭނުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްހޫރީ ޕާޓީއަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅުންނަށް ފުރުސަތުދީ، އަޅުގަނޑުމެންގެ ޕާޓިގެ މެމްބަރުންނަށް ވެ، އެކިއެކި މަޤާމުތަކާއި ދާއިރާތަކަށް ކުރިމަތިލައިގެން މަސައްކަތް ކުރުމުގެ ފުރުސަތު [ލިބޭނެތީ]." ގާސިމް ވިދާޅުވި އެވެ.
އެޖެންޑާ ބަދަލުކޮށް ނުދެވޭނެކަމަށް ބުނުމުން ކޯލިޝަން ޖަލްސާއެއް ނޫންކަން ހާމަވި - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ