މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދ. އަތޮޅާއި ދެމެދު ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވާނެއެވެ. އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ އިރުއޮއްސި 18:30 ވަންދެންނެވެ.
މެޓް އޮފީހުން ބުނީ، މިއަދު މެންދުރުފަހު 13:30 އިން ފެށިގެން 18:30 އާއި ހަމައަށް ގަޑީއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިއަދު 15:30 އާއި ހަމައަށް ކ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހަކީ ރާއްޖެއަށް ވިއްސާރަ ތިން ދުވަހެވެ. އަދި މި ތިން ދުވަހުވެސް އެންމެ ބޮޑަށް ވިއްސާރަ ކުރާނީ ރާއްޖޭގެ އުތުރަށާއި މެދު ރާއްޖެ ތެރެއަށް ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި މެދު ރާއްޖެތެރެ އާއި އުތުރުގެ ރަށްތަކަށް ވައިވެސް ގަދަވާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އޮފީހުން ލަފާކުރެއެވެ.
އެހެންނަމަވެސް އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެކަމަށް އެ އޮފީހުން ލަފާކޮށްފައިވެއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާ ސަރަހައްދުތަކުގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އެދެއެވެ.
މޫސުން ގޯސްވެފައި މި ދުވަސްވަރަކީ ބަންދާ ދިމާކޮށް ގިނަ ބަޔަކު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ދުވަސްވަރެއް ކަމުން ދިމާވެދާނެ ކަނޑުމަތީގެ ހާދިސާއަކުން ރައްކާތެރިވުމަށް އޮޑިދޯނި ފަހަރުގެ ސަލާމަތީ ކަންކަމަށް އިސްކަންދޭން ޖެހެއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ