ފުލުހުން ހޯދަން އިއުލާން ކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަދިވެސް ނުފެންނަ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ބުނެފި އެވެ.
އިލްހާމާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހޯދުމަށް މިދިޔަ ހުކުރު ދުވަހު ފުލުހުން ދެވަނަ ފަހަރަށް އިއުލާން ކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސިނާން ވަނީ އަމިއްލަ އަށް ފުލުހުންގެ އިދާރާ އަށް ވަޑައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގޮސްފަ އެވެ. އެކަމަކު އެ އިއުލާނަށް ތިން ދުވަސް ވީއިރު ވެސް އިލްހާމްގެ އެއްވެސް ޚަބަރެއް ނުވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ކުރާ ތަހުގީގަކަށް ސިނާން ހައްޔަރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ކުރަނީ ރިޝްވަތު ހިފުމުގެ ތުހުމަތެވެ. އެކަމަކު އިލްހާމަށް ކުރާ ތުހުމަތެއް އަދި ސާފެއް ނުވެ އެވެ.
ނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު، އިލްހާމާއި ސިނާން މި މަހުގެ ހަތަރު ވަނަ ދުވަހު ރާއްޖެ ވަޑައިގަތުމުން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށެވެ. އެކަމަކު ބަންދުގެ މުއްދަތު ޖެހުމަށް ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިލްހާމާއި ސިނާން ވަނީ ދޫކޮށްލައިފަ އެވެ.
އެ މައްސަލައިގެ ތަހުގީގަށް އެ ދެބޭފުޅުން ހޯދަން މިދިޔަ ޖެނުއަރީ 31 ވަނަ ދުވަހު ވެސް ފުލުހުން އިއުލާންކުރި އެވެ. އޭރު އެ ދެބޭފުޅުން ތިއްބެވީ، ރައީސް އަބްދުﷲ ޔާމީން އަދި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވި ގޮތަށް ތައިލެންޑުގައި ކަމަށް ވެ އެވެ. އިލްހާމާއި ސިނާން މި ފަހަރު ރާއްޖެ ވަޑައިގަތީ އަށެއްކަ މަސް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު އެވެ.
އިލްހާމާއި ސިނާނަކީ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންނެވެ. ނަމަވެސް އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ކަނޑައަޅައިފަ އެވެ.
މެމްބަރު އިލްހާމް އަދި ވެސް ނުފެނޭ، ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ